ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި ޝަރީއަތުގައި އެމަނިކުފާނާއި ދެކޮޅަށް ވަކާލާތުކުރާ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ވަކީލު އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް ޔާމީނުގެ ފަރާތުން ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މައްސަލާގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ޝަރީއަތުގައި ދެއްކި ކަމަށް ބުނެއެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ހެކިންނަށް ރައީސް ޔާމީން ރިޝްވަތު ދެއްވައި، ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެއްވި ނަމަވެސް، އެމަނިކުފާނު ހެކިންނަށް ރިޝްވަތު ދެއްވި ފަދަ އެއްވެސް އަމަލެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން ބުނެއެވެ.
ރައީސް ޔާމީނާމެދު އިންސާފުވެރި ޝަރީއަތެއް ކުރިއަށް ނުގެންދާ ކަމަށް ބުނެ ޕްރޮގްރެސިވް ކޯލިޝަނުންވަނީ ވީހާވެސް އިންސާފުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ގޮވާލާފަ އެވެ. ރައީސް ޔާމީންގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ ހަފްތާގަ އެވެ. މި ޝަރީއަތުގެ ފުރަތަމަ އަޑު އެހުމަށްފަހު ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީ ވުމަށް ޔާމީނަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ފެށޭ ހަފުތާގައެވެ.