މަޖިލީހަށް ހާޒިރުވުމަށް ތިން ވަޒީރަކަށް ނޯޓިސް ފޮނުވި، ނަމަވެސް މަޖިލީހަށް ހާޒިރުނުވެ ނޯޓިހުގެ މުއްދަތު ހަމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް 14 ދުވަހުގެ ނޯޓީސްއެއް ފޮނުވާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުުލާއަށާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށާއި، ފޮރިން މިނިސްޓްރ އަބްދުﷲ ޝާހިދަށެވެ. މި ތިން ވަޒީރުންނާ ސުވާލުކުރެއްވުމަަށް މަޖިލީހުން ހުށަހެޅުއްވީ، ކާށިދޫ ދާއިރާގެ މެންބަރު އަދި މިހާރުގެ ޑީއާރުޕީގެ ލީޑަރުކަމަށްވާ އަބްދުﷲ ޖާބިރެވެ.
މިފޭބުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް ނޯޓީސްފޮނުވީ، އެ ބޭފުޅުން ތަމްސީލުކުރައްވާ ބައެއް ދާއިރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުގެ ގޮތުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ސުވާލު ކުރަނީ މާލޭގައި ޕާކިން މައްސަލައަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން އަންނަ މައްސަލައާ ގުޅިގެންނެވެ. ފޮރިން މިނިސްޓަރު ޝާހިދާ ސުވާލު ކުރަނީ ރާއްޖެއިން ގަތަރާ އަލުން ގުޅުން ބަދަހި ކުރުމާއިބެހޭ ފަހުގެ މައުލޫމާތުތަކާ ގުޅޭ ގޮތުންނެވެ. އަދި ހޯމް މިނިސްޓަރު އިމްރާނާ ސުވާލު ކުރަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. މި ތިން ވަޒީރުންނަށްވެސް މަޖިލީހުން ފޮނުވި 14 ދުވަހުގެ ނޯޓިސް ހަމަވެ، މަޖިލީހަށް ވަޑައިނުގަތުމުން ނޯޓިހުގެ މުއްދަތުވަނީ ހަމަވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވަޒީރުންނާއި ސުވާލު ކުރެއްވުމަށް ފޮނުވި ނޯޓިހުގެ މުއްދަތު ހަމަވުމުން، މަޖިލީހުން ދެން އަމަލު ކުރާގޮތަކީ ސުވާލުތައް ރައްދުވާ ވަޒީރުންނާއި މަޝްވަރާކޮށް، ރާއްޖޭގައި އުޅުއްވާ ދުވަހެއް ހޯދައި، ފަސޭހަ ދުވަހެއްގައި އެބޭފުޅުން މަޖިލީހަށް ހާޒިރު ކުރެއްވުން ކަމަށެވެ.
މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ ސުވާލުތައް ރައްދުވާ ވަޒީރުން މަޖިލީހަށް ވީހާވެސް އަވަހަށް ވަޑައިގަންނަވާނެކަމަށާއި، އަދި މަޖިލީހުން އެކަން ހަމަޖައްސާނެ ކަމަށެވެ.