މުސްތަގުބަލުގެ ޖީލުތައް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ތައުލީމެވެ. ދިވެހިރާއްޖެއަކީ ތައުލީމަށް ލޯބިކުރާ، އަދި 99 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުން ކަމަށް ފަހުރުވެރިކަމާއެކު ބުނަމުން އައި ގައުމެކެވެ. ނަމަވެސް މިއަދު ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ފެންނަމުންދަނީ ނުހަނު ކަންބޮޑުވާންޖެހޭ، އަދި އެ ފަހުރުވެރި ތާރީހު ފުހެވިގެން ހިނގައިދާނެ ފަދަ މަންޒަރުތަކެކެވެ. ކީސްޓޭޖް-3 2025 ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވަނީ ސިހުންގެނުވާ ފަދަ ހަގީގަތެއް ހާމަކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ވޯލްޑް ކަޕް ހިނގަމުންދާ މި ދުވަސްވަރު 8،000 އެއްހާ ކުދިން ސްކޫލަށް ހާޒިރެއް ނުވެއެވެ. މީގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. މިއީ ހަމައެކަނި ފުޓުބޯޅަ މުބާރާތަކާ ގުޅިގެން އުފެދިގެން އުޅޭ ވަގުތީ މައްސަލައެއް ކަމަށް ބަލައި ދޫކޮށްލެވޭކަށް ނެތެވެ. މިއީ އޭގެ އަޑީގައި މާ ފުން، އަދި މާ ނުރައްކާތެރި ސަބަބުތަކެއް އެކުލެވޭ ބޮޑު ކާރިސާއެއްގެ ކޮޅުމައްޗެވެ.
ވޯލްޑް ކަޕްގެ ފޯރިއަކީ ދަރިވަރުން ސްކޫލަށް ނުދިއުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. ތަފާސްހިސާބުތަކާއި އެކިއެކި ދިރާސާތަކުން ދައްކާ ގޮތުގައި، ވޯލްޑް ކަޕް ނޫން ދުވަސްވަރުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލަށް ނުދާ ގިނަ އަދަދެއްގެ ކުދިން އުޅެއެވެ. މިކަމާ ގުޅޭގޮތުން ބައެއް މައިންބަފައިންނާ ސުވާލުކުރުމުން އެނގިފައިވާ ގޮތުގައި، ގިނަ ކުދިން ސްކޫލަށް ނުގޮސް ގޭގައި ތިބެނީ ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކުން ގޭމް ކުޅުމަށާއި ސްކްރީންގެ ކުރިމަތީގައި ވަގުތު ހޭދަކުރުމަށެވެ. މިއީ ޓެކްނޮލޮޖީއަށް ދެވިހިފުމުގެ ނުރައްކާތެރި ހާލަތެކެވެ. ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނުބައި އަސަރުކުރާނެ ކަމެއް ކަމަށާއި، އެކަން ތަކުރާރުވާނަމަ ސްކޫލަށް ހާޒިރުވާ ހިތްނުވާނެ ކަމަށް ވަޒީރު ވެސް ވަނީ ފާހަގަކުރައްވާފައެވެ. ގޭމް ކުޅުމުގައި ރޭގަނޑުގެ ހަތަރުދަން ހޭދަކުރުމަށްފަހު، ހެނދުނު ސްކޫލަށް ދާނެ ހަކަތައެއް ކުދިންގެ ގަޔަކު ނުހުރެއެވެ. މައިންބަފައިންނަށް މިކަން ކޮންޓްރޯލް ނުކުރެވި، ކުދިންގެ މައްޗަށް އޮންނަ ބާރު ކެނޑިގެން ދިއުމަކީ މުޅި މުޖުތަމައު އެކަމާ މެދު ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.
އޮޓޯއިން ގްރޭޑް މަތިވުމުގެ ނުރައްކާ
ރާއްޖޭގެ ތައުލީމީ ނިޒާމުގައި މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ދަރިވަރުންގެ އުމުރުފުރާއަށް ބަލައި އޮޓޯއިން ކްލާސް ބަދަލުވާ ގޮތަށް ނިޒާމު ބައްޓަންކޮށްފައި އޮތުމެވެ. މީގެ ނަތީޖާއަކީ، ސްކޫލަށް ހާޒިރުނުވި ނަމަވެސް، އަދި ފިލާވަޅުތައް ދަސްނުވި ނަމަވެސް، އަހަރު ނިމުމުން މަތީ ގްރޭޑަކަށް ބަދަލުވުމެވެ. އެކިއެކި ސާވޭތަކުން އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ގްރޭޑް 8 އަދި 9 ގައި ކިޔަވަމުންދާ ކުދިންގެ ތެރޭގައި ވެސް ރަނގަޅަށް ލިޔަންކިޔަން ނުދަންނަ ކުދިން އެބަތިއްބެވެ. މިއީ ތައުލީމީ ދާއިރާގައި އޮތް "ބޮޑު ސިއްރެއް" ކަމުގައި ވިޔަސް، މިއީ މިއަދު ފޮރުވެން ނެތް ހިތި ހަގީގަތެކެވެ. 99 އިންސައްތަ ލިޔަންކިޔަން ދަންނަ ގައުމެއްގެ ގޮތުގައި އޮތް އޮތުން މިއަދު މިވަނީ ނުރައްކަލުގެ ތެރޭގައެވެ. އަސާސީ ހުނަރުތައް ނެތި، ހަމައެކަނި އުމުރަށް ބަލައި ކުދިން ޕްރޮމޯޓް ކުރުމަކީ އެ ކުދިންގެ މުސްތަގުބަލު އަމިއްލަ އަތުން ހަލާކުކޮށްލުން ފަދަ ކަމެކެވެ. ކުއްޖަކު ސްކޫލަށް ނުދިޔަސް، އަދި އިމްތިހާނުތަކުން ފާސްނުވިޔަސް، މަތީ ގްރޭޑަކަށް ދެވޭނެކަން އެނގުމުން، ކިޔެވުމަށް އޮންނަ ޝައުގުވެރިކަމާއި ވާދަވެރިކަން އެއްކޮށް ގެއްލިގެންދެއެވެ.
ތައުލީމު ނެތް މުޖުތަމައެއްގެ މިސްރާބު
މި ހާލަތު މިގޮތުގައި ދެމިއޮވެއްޖެނަމަ، ރާއްޖޭގެ މުސްތަގުބަލާމެދު އޮތީ ބޮޑުވެގެންވާ ކަންބޮޑުވުމެކެވެ. ތައުލީމު ނެތް މުޖުތަމައެއްގެ މިސްރާބު ހުންނާނީ ކޮން ދިމާއަކަށްކަން ދުނިޔޭގެ އެހެން ގައުމުތަކުގެ ތާރީހުން ފެންނަން އެބައޮތެވެ. އަސާސީ ތައުލީމު ފުރިހަމަނުވާ ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުތުމުން، އެމީހުންނަށް އެކަށީގެންވާ ވަޒީފާއެއް ނުލިބޭނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ، ކުށްކުރާ މާހައުލުތަކަށް އެ ޒުވާނުން ހުށަހެޅި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ ތެރެއަށް ގެނބިގެން ދިއުމެވެ. އިގުތިސާދީ ގޮތުން ގައުމު ފަހަތަށް ސޮއްސާލައި، ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު އިތުރުވެގެންދާނެއެވެ. ތައުލީމީ ގޮތުން ފަހަތަށް ސޮއްސާލާ ކޮންމެ ގައުމަކީ ފަގީރުކަމާއި ނިކަމެތިކަމުގެ ތެރެއަށް ވެއްޓިގެންދާ ގައުމެއްކަން ތާރީހު ހެކިދެއެވެ.
ކާމިޔާބު ނިޒާމުތަކުން ލިބޭ ފިލާވަޅު
ދުނިޔޭގެ ފެންވަރުގައި ތައުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ނިޒާމުތަކަށް ބަލާއިރު، އަޅުގަނޑުމެންނަށް މުހިންމު ފިލާވަޅުތަކެއް ލިބެއެވެ. މިސާލަކަށް ސިންގަޕޫރު ފަދަ ގައުމުތަކުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ހަރުދަނާ މިންގަނޑުތަކެއް ގެންގުޅެއެވެ. ކުއްޖަކު އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުކުރަނީ، އެ ގްރޭޑެއްގައި ހާސިލުކުރަންޖެހޭ އަސާސީ މިންވަރު ހާސިލުކުރުމުންނެވެ. ފިންލޭންޑް ފަދަ ގައުމުތަކުގައި، ކިޔެވުމުގައި ފަހަތުގައި އުޅޭ ކުދިން ދެނެގަނެ، އެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން އިތުރު އެހީތެރިކަން ފޯރުކޮށްދެއެވެ. އެ ގައުމުތަކުގައި ކުދިން ސްކޫލަށް ހާޒިރުނުވުމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މައިންބަފައިންނާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅައެވެ. ރާއްޖޭގައި ވެސް މިފަދަ ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރަން އެބަޖެހެއެވެ. ހަމައެކަނި ސްކޫލަށް ހާޒިރުވާ މިންވަރު ބަލާ ޕްލެޓްފޯމެއް ހެދުމަކުން ނުފުދެއެވެ. ކުދިންނަށް އުނގަންނައިދެވޭ މިންވަރު ކަށަވަރުކުރެވޭނެ ހަރުދަނާ އިމްތިހާނުތަކާއި ވަޒަންކުރުމުގެ ނިޒާމެއް އޮންނަން ޖެހެއެވެ.
ސިޔާސަތު އެކަށައަޅާ ފަރާތްތަކުގެ ޒިންމާ
މި ހިސާބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، ރާއްޖޭގެ ޕޮލިސީ މޭކަރުން ނުވަތަ ސިޔާސަތު އެކަށައަޅާ ފަރާތްތަކުން ކުރައްވަނީ ކީއްތޯއެވެ؟ މި ނުރައްކާތެރި ހާލަތު އެނގިތިބެ، އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި ލަސްވަމުންދާ ދިއުމަކީ އެ ފަރާތްތައް ފެއިލްވުން ނޫންތޯއެވެ؟ 8،000 ކުދިން ސްކޫލަށް ނުދާކަން އެނގިވަޑައިގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވާއިރު، މި ހާލަތު އެނގި ހުންނަވައި ވަޒީރު އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާކުރައްވާތޯ ސުވާލު އުފެދެއެވެ. މިދިޔަ މަހުގެ 21 އިން ފެށިގެން ހާޒިރީ ބަލާނެ ޕްލެޓްފޯމެއް ގާއިމުކުރިކަން ހާމަކުރެއްވުން ފިޔަވައި، މިކަމުން އަރައިގަތުމަށް އަޅާ އަވަސް ފިޔަވަޅުތަކަކީ ކޮބައިކަމެއް ސާފެއް ނޫނެވެ. ސްކޫލަށް ނުދާ ކުދިންގެ މައިންބަފައިންނާ މެދު އެޅޭނެ ފިޔަވަޅަކީ ކޮބައިތޯއެވެ؟ ލިޔަންކިޔަން ނުދަންނަ ކުދިން ދެނެގަނެ، އެ ކުދިންނަށް ހާއްސަ ރިމީޑިއަލް ކްލާސްތަކެއް ފެށުމުގެ ޕްލޭނެއް އެބައޮތްތޯއެވެ؟ މިއީ ހަމައެކަނި ތަފާސްހިސާބުތަކެއް ހާމަކޮށްލައިގެން ފުއްދާލެވެން އޮތް ކަމެއް ނޫނެވެ.
ސަރުކާރާއި މަޖިލީހުގެ ދައުރު
ސަރުކާރަށް ހޭލެވޭނީ ކިހާވަރެއް ވީމައިތޯ މިއީ މިއަދު ކޮންމެ ރައްޔިތަކުވެސް ކުރަންޖެހޭ ސުވާލެކެވެ. ގާނޫނު ހަދާ މަޖިލީސް ފަދަ ދައުލަތުގެ މުހިންމު ގުނަންތައް ހޭލާނީ ކޮން އިރަކުންތޯއެވެ؟ ތައުލީމީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، އޮޓޯއިން ގްރޭޑް މަތިކުރާ އުސޫލު ބަދަލުކުރުމަށް މަޖިލީހުން ބާރުއަޅަން އެބަޖެހެއެވެ. ކުދިން ސްކޫލަށް ފޮނުވުމަކީ މައިންބަފައިންގެ މައްޗަށް އޮތް ގާނޫނީ ޒިންމާއަކަށް ވާއިރު، އެ ޒިންމާ އަދާނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް މަޖިލީހުގެ ތެރެއިން ފާސްކުރަން ޖެހެއެވެ. ކޮމިޓީތަކުގައި ހަމައެކަނި ސިޔާސީ ބަހުސްތައް ކުރުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ މިފަދަ ބޮޑެތި މައްސަލަތަކަށް މަޖިލީހުގެ މެންބަރުންގެ ސަމާލުކަން ހުއްޓެން ޖެހެއެވެ. ގައުމެއްގެ ތައުލީމީ ނިޒާމު ފުނޑުފުނޑުވެގެން ދާއިރު، ރައްޔިތުންގެ މަންދޫބުން ހަނު ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ވޯލްޑް ކަޕްގެ ފޯރިއަކީ އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތައް ފޮރުވުމަށް ބޭނުންކުރެވޭނެ ފަރުދާއެއް ނޫނެވެ. 8،000 ކުދިން ސްކޫލަށް ނުދިއުމަކީ ކުއްލިއަކަށް ދިމާވި ކަމެއް ނޫނެވެ؛ އެއީ އަހަރުތަކެއް ވަންދެން ނިޒާމުގެ ތެރޭގައި ފުނިޖެހެމުން އައި މައްސަލަތަކެއްގެ ނަތީޖާއެވެ. ލިޔަންކިޔަން ނުދަންނަ ދަރިވަރުންތަކެއް މުޖުތަމައަށް ނެރުމަކީ ދައުލަތުން އެ ކުދިންނަށް ވެވޭ އެންމެ ބޮޑު ހިޔާނާތެވެ. ސިޔާސަތު އެކަށައަޅާ ފަރާތްތަކުން މިހާރުން މިހާރަށް މި ނުރައްކާތެރި އޮޓޯ ޕްރޮމޯޝަން އުސޫލު އުވާލައި، ފެންވަރު ވަޒަންކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަން މަޖުބޫރެވެ. ސްކްރީނަށް ދެވިހިފާފައިވާ ކުދިން އަނބުރާ ކްލާސްރޫމަށް ވެއްދުމަށްޓަކައި، ހަމައެކަނި ނަސޭހަތް ދިނުމުގެ ބަދަލުގައި އަމަލީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މިއީ ބަޔާން ނެރެ، ކަންބޮޑުވުން ފާޅުކޮށްލައިގެން ތިބެންވީ ވަގުތެއް ނޫނެވެ؛ މިއީ މުޅި ތައުލީމީ ނިޒާމު މުލުންލުހައި، އަލުން އާރާސްތުކުރަންވީ ވަގުތެވެ. މިކަން ނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ މުސްތަގުބަލު އޮންނާނީ އަނދިރި އަނވަޅެއްގެ ތެރޭގައެވެ.

މަށަށް ގޯހީ މައިންބަފައިން. މަގޭވެސް 18 އަހަރު ވެފަ ހުރި ދަރިޔަކު ގުރޭޑް 12ގަ ކިޔަވަމުން އެބަދޭ. ރޮނާލްޑޯގެ ބޮޮޑު ފޭނެއް. އެކަމަކު ސްކޫލު ދުވަހަކާ ދިމާވާ ރެޔެއް ވިއްޔާ ނުވެސް އަހާނެ މެޗުބަލަން ހުރެވިދާނެތޯ. މިބުނަނީ ގާނޫނީ ގޮތުން ބޮޑުމީހެއް ކަމަށް ބެލެވޭ އުމުރުގެ ކުއްޖެއްގެ ވާހަކަ. ފޯނެއް ވެސް 10 ނިމުނީމަ ދީފަ އޮންނާނީ. މަ ނޫނީ އޭނަ ބައްޕަ ބަލާނެ ނިދިތޯ. ކީއްވެތޯ މިޔަށްވުރެ އުމުރުން ހަގު ކުދިންގެ ކަންކަން މައިންބަފަައިންނަށް ނުބެލެންވީ؟ ތަރުބިއްޔަތު ނުކުރެވުމުގެ ނަތީޖާ އެ ފެންނަނީ. މަށަކީ ވެސް 8 ގަޑިޔާ 10 ގަޑި ޝިފްޓުކުރަމުން ދަރިންބަލާ ގޭގެ މަސައްކަތް ކުރާމީހެއް. ފިރިމީހާވެސް ކުދިން ކަންތަކާ ގޭގެ މަސައްކަތް ނުބުނަނީސްކުރޭ. ދުވަހަކު ބާރަށް އެއްޗެކޭ ނުބުނާނެ. މަވެސް ނުބުނަން. ނަސޭހަތްދެނީ ކެތްތެރިކަމާއެކު. ދެމީހުންގެ ތަރުބިއްޔަތުން މާޝާﷲ، މަގޭ ދަރިން ބަސްއަހަނީ. މައިންބަފައިން ދަރިން އުކާލާފަ ޓިކްޓޮކް ބަލާ އޭގަ ޒުވާބުކޮށް ނެށުމުގަ. ކިރިޔާ އެއްޗެއް ހިފޭވަރު ކުއްޖާ އަތުގަވެސް ކޮކޯމެލަން އަޅުވާފަ ޓެބް ދީފަ. އެޔަށް ވުރެ ބޮޑެތިކުދިން އުމުރާނުގުޅޭ އެއްޗެހި ބެލިޔަސް އޯކޭ. މައިތިރިވެފަ ތިބޭވިއްޔަ. ކުދިން ކުރާކަމެއް ނުބަލާ. މިކަން ޓީޗަރުންނާ ސަރުކާރުތަކުގެ ބޮލަށް ކަނޑާލުމަކުން ނުފުދޭ. ދަރިން ހެޔޮގޮތުގަ ބެލުމަކީ މައިންބަފައިންގެ ބޮޑު ޒިންމާއެއް
ތެދެއްތީ މިޒަމާނުގަ ތިބޭނީ ޑެޑީ އަކާ މެޑީއަކާ މަންމި އަކާ ގުރޭނޑު ކޮންމެއް އެއްޗަކާ މިކަހަލަ ފަރަންޖީ ނަންތަކެއް މަންމަ ބައްޕަ ކޮބައިތޯ އެހިއަސް ބައެއް ކުދީންނަށް އެއީ ކޯއްޗެއް ކަންވެސް ނޭނގޭ، މިއީ ވަރަށްވެސް ހިތާމަ ހުރިކަމެއް،
ކީއްކުރަން ކިޔަވަނީ. ކަންމަތީ މަސްތުވާތަކެތި ވިއްކާ ސޮރު އަތުގަ އެންމެ ފަހުގެ ރޭސްކާރާއި ފޯނާއި ހުސްނުވާ ވަރަށް ލާރި އެބަހުރި އަދި އެތަކެތި އެންމެނަށް ދައްކަމުން އެނބުރެނީ. އޭނައާ އެއްކޮށް ކިޔެވި އަނެއް ސޮރު ޑިގްރީ ހަދައި ނިމުނު އިރުވެސް ލިބެނީ ކިރިޔާ 8000/- މުސާރައަށް ލިބޭ ވަޒީފާ ގަނޑެއް. ވިއްކާ ސޮރު ހައްޔަރު ކުރިއަސް ކޮންމެވެސް ޤާނޫނީ ފުށުއެރުމެކޭ ކިޔާ އޭނަ ދޫކޮށްލާނެ.
މިދުވަސްކޮޅު މާލޭގައި ހެސްކިޔާފަ ހިމަބިިހި، އިންފުލުއެންޒާ އަދި ރޯގާ އެބައުޅޭ، މީހަކު ބައްޔެއްވިޔަސް ބޭހެއް ލިބެނިއްޔެއް ނޫން ފާމަސީއަކުން. މިހެންވީމަ ބެލެނިވެރިންވެސް ނުފޮނުވާނެ އެހެން ބަލިޖެހިފަ ތިބޭ ކުދިން ކައިރިއަށް އެމީހުންގެ ދަރިންނެއް. ޥޯލްޑްކަޕް މަތި ނާޅުވާ އަސްލު މައްސަލައިގެ ވާހަކަ ދައްކަބަލަ ފުރަތަމަ
މިވާހަކަތައް އިވުމުން ހަގީގަތުގަވެސް ހައިރާންވެ އަންތަރީސް ވެއްޖެ، ކޮބައިތޯ މިކުދީންގެ ޒިންދާރު ފަރާތްތައް ކޮބައިތޯ މިކަމުގާ ޒިންމާދާރު ފަރާތްތައް ތައުލީމީ މިނިސްޓރ ކުދީންގެ ސްކޫލުތަކުގެ މުދައްރިސުން ކުދީންގެ ބެލެނިވެރީން!؟ ވޯލްޑުކަޕަކާ އަޅުގަނޑުމެންގެ ކިޔަވާ ކުދީންނަކާ ކީކީތޯ! މިނޫނަސް ކިތަންމެފަހަރަކު ތިއަ ވޯޑްކަޕެއް ކުޅެފި އޭރު ނުވި ކަމެއް މިހާރު މިވަނީ ސަބަބުތަކެއް ސަބަބުތަކެއް އޮތީމަ ނޫންބާ! ނޫނީ މިހާރު ރާއްޖޭގެ މީހުން ބޭރުގައުމުތައް ބަލައިގަނެ ބޭރުގައުމުތަކަށް ބަރޯސާވާވަރު ދައްކާލަންބާ!
ބަޔަކު ތަހުޒީބު ވާނީ ދެން މިހާކަވަރަށް، މިގަމު މިހާރު މިއޮތީ ޔޫރަޕުގެ ގައުމުތަކަށްވުރެ ވެސް މާ ފެންވަރު މަތީގަ، ތިމާމެންގެ އަމިއްލަ ބަހުން ވާހަކަ ދައްކަންވެސް ނޭގެ،އިނގިރޭސިބަހުން ނޫނީ ކުޑަކުއްޖަކާވެސް ވާހަކަ ދައްކައިގެން ނުވޭ އެކިޔާ ބޯދާޒަމާނުގެ މާމަ ކާފައިންނާ މިހާރު މާމަ ކާފަ ދަރީންނަށް ވާހަވެސް ނުދެއްކޭ އެއީ ފަރަންޖީބަސް ނޭގޭތީ، ބައެއް މީހުންގެ ނަޒަރުގާ ފަރަންޖީބަސް އެނގުނީމަ ދެން އެއޮތީހުރިހާ ކަމެއްވެފަ ދިވެހިބަސް އެއީ ހަމަސުމެއް، މިހާރު އެބަކިޔާ ސްކޫލުތަކުގާ އިސްލާމް މާއްދާވެސް ފަރަންޖީބަހުން ކިޔަވަިދޭށޯ އުޅެނީ ދެން ވާނެ ހަތަރެތި މިއޮތީ ވެފަ، މިޖީލުގަ އުފަންވާ ކުދީންގެ މަންމައެއް ބައްޕައެއްވެސް ނުތިބޭ، މާމަ ކާފައެއްވެސް ނުތިބޭ، މިހާރު ކުދީންގެ ނަސްލެއް އަސްލެއް އަހުލެއްވަހުލެއްވެސް ނުތިބޭނެ ތޯއްޘެއް ހެހެ.