ދުވަސްތަކެއްގެ މެދު ކެނޑުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާ ގޮތަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ހާއްސަ ހާލަތެއް ދިމާވެގެން ނުވަތަ، މަޖިލީހުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާންމު ޖަލްސާތައް ހަފުތާއަކު މަދުވެގެން ތިން ދުވަހު ބާއްވަންޖެހެއެވެ.

އެގޮތުގެ މަތިން ކޮންމެ ހަފްތާއެއްގެ ވެސް ހޯމައިން ފެށިގެން ބުދަ ދުވަހާ ހަމައަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދެއެވެ.

ނަމަވެސް މި މަހުގެ 15 ވަނަ ދުވަހަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވެއެވެ. ޖަލްސާތައް ކުރިއަށް ނުގެންދާ ސަބަބެއްވެސް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދިއުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

12 ދުވަހަށްފަހު މަޖިލީހުގެ އިދާރާއިން މިވަނީ މާދާމާ ހެނދުނު 09:00 އަށް ޖަލްސާއެއް ތާވަލު ކޮށްފައެވެ. އެޖެންޑާކޮށްފައިވާ ކަންކަމަކީ:

  • އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުން
  • މިދިޔަ ސަރުކާރާ ގުޅޭ ފެނަކައިގެ އޮޑިޓް ރިޕޯޓެއް ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު
  • ނުނިމި ހުރި މަސައްކަތްތަކުގެ ގޮތުގައި ސިޔާސީ ގޮތުން މީހުން ވަޒީފާއިން ވަކިކުރަމުންދާތީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރުގެ މަސައްކަތް (ބަހުސް ކުރުން)

މީގެ ކުރިން ވެސް، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް މަހަކަށްވުރެ ގިނަ ދުވަހަށް ދިގުދައްމާލައި، މެދުކަނޑާލާފައި އޮތެވެ.