މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓަކީ ރާއްޖެއަށް އެތެރެކުރާ މުދާ އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު އެއް މަރުހަލާއެވެ. މި ބުރަ އަދި ޒިންމާދާރު މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ބޭފުޅަކީ މުހައްމަދު މުއާޒެވެ. މީގެ 15 އަހަރު ކުރިން، 2011 ވަނަ އަހަރު އެމްޕީއެލްއާ ގުޅުނު މުއާޒު އޭނާގެ ކެރިއަރު ފެށީ އެސިސްޓެންޓް ކްލިއަރެންސް އޮފިސަރެއްގެ ގޮތުގައެވެ. ވަޒީފާއާ ގުޅުމަށްފަހު ފުރަތަމަ ހަ އަހަރު އޭނާ ހޭދަކުރީ ސީދާ މުދާ ދޫކުރުމުގެ އަމަލީ މަސައްކަތުގައެވެ. މިއީ ބަނދަރުގެ އޮޕަރޭޝަންތަކުގެ އެންމެ އަސާސީ އެއް މަސައްކަތް ކަމަށްވާއިރު، މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ކާގޯ ކްލިއަރެންސްގެ އެންމެހައި ކަންކަން ވަރަށް ގާތުން ދަސްކޮށްފައެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ކޮންޓެއިނަރެއްގެ މުދާ ކްލިއަރކުރުމުގެ މަރުހަލާތައް އަމަލީގޮތުން ތަޖުރިބާކުރުމަކީ އޭނާގެ ކެރިއަރުގެ ބިންގަލެވެ.

މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަމާއި، ކޮންމެ ކަމެއްވެސް ޒިންމާދާރުކަމާއެކު ނިންމުމުގެ ނަތީޖާއަކަށްވީ، މުދާ ދޫކުރުމުގެ ގްރައުންޑް އޮޕަރޭޝަންގެ އިންޗާޖުގެ މަގާމަށް އޭނާ ބަދަލުކުރުމެވެ. މި މަގާމުގައި ދެއްކި ލީޑަރޝިޕާއި ހޯދި އިތުބާރުގެ ސަބަބުން، އޭގެ ތިން އަހަރު ފަހުން ކްލިއަރެންސް ޑިޕާޓްމަންޓުގެ މެނޭޖުމަންޓް ލެވެލްގެ މަސައްކަތްތަކަށް މުއާޒު ބަދަލުކުރިއެވެ. މިއަދު އޭނާ ހުރީ އެ ޑިޕާޓްމަންޓުގެ ސީނިއަރ ލީޑް އެގްޒެކްޓިވްގެ މަގާމުގައެވެ. މިއީ ހަމައެކަނި ވަޒީފާގެ ކުރިއެރުމެއް ނޫނެވެ؛ މިއީ ރާއްޖޭގެ އިގުތިސާދުގެ މައި ނާރު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމުގައި މުއާޒު އަދާކުރަމުންދާ މުހިންމު ދައުރުގެ ހެއްކެކެވެ. އޭނާގެ މި ދިގު ދަތުރަކީ އެމްޕީއެލްގެ އެތެރޭގެ އޮޕަރޭޝަންތަކަށް އައި ކުރިއެރުންތަކާ ގުޅިފައިވާ ދަތުރެކެވެ.

މުއާޒު، އެމްޕީއެލް ކާގޯ ކްލިަރެންސްގެ މައި ތަނބު

ތައުލީމާއި ތަޖުރިބާ: ކުންފުނިން ފަހިކޮށްދިން ފުރުސަތުތައް

މުއާޒުގެ ކާމިޔާބީގެ ފަހަތުގައި އެމްޕީއެލްއިން މުވައްޒަފުންގެ ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، ތައުލީމާއި ތަޖުރިބާ ހޯދައިދިނުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއަށް ދިއުމަށް ކުންފުނިން ވަނީ ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މެލޭޝިއާއިން ބެޗެލަރ އޮފް މެރިޓައިމް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރުމަށް އެމްޕީއެލްއިން އޭނާއަށް ދިން ސްކޮލަރޝިޕެވެ. މި ކޯހުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ބަނދަރުތައް ހިންގާ ގޮތާއި، މެރިޓައިމް ދާއިރާގެ ޒަމާނީ އުސޫލުތައް އޭނާއަށް ދަސްވިއެވެ. ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމެއްގައި، ބަނދަރުގެ އޮޕަރޭޝަންތައް ހިންގަން ތިބޭ މީހުންނަކީ ތައުލީމީ ގޮތުން ގާބިލު ބަޔަކަށް ވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

މީގެ އިތުރުން، އިންޑިއާއާއި މެލޭޝިއާ ފަދަ ގައުމުތަކަށް ފޮނުވައިގެން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ކުންފުނިން ވަނީ ހޯދައިދީފައެވެ. ބޭރު ގައުމުތަކުގެ ބޮޑެތި ބަނދަރުތަކުގައި މަސައްކަތް ހިނގާ ގޮތް ގާތުން ބަލައިލުމަކީ، މާލޭ ބަނދަރުގެ އޮޕަރޭޝަންތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ލިބުނު ވަރަށް ބޮޑު އެހީއެކެވެ. ބައިނަލްއަގުވާމީ ބަނދަރުތަކުގައި މުދާ ހޭންޑްލްކުރާ ގޮތާއި، ކަސްޓަމްސް ކްލިއަރެންސްގެ ކަންކަން ކުރިއަށްދާ ގޮތް ދެނެގަތުމަކީ މުއާޒުގެ މަސައްކަތަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ. މުއާޒު ބުނި ގޮތުގައި، މި ފުރުސަތުތަކަކީ އޭނާގެ ކެރިއަރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކަންކަމެވެ. އަދި އެ ފުރުސަތުތަކާ މެދު އަބަދުވެސް ޝުކުރުވެރިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޒަމާނީ ބަދަލުތަކާއި އޮޕަރޭޝަންގެ ކުރިއެރުން

ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އެމްޕީއެލްގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގައި މުއާޒުގެ ހިއްސާ ވަރަށް ބޮޑެވެ. އޭނާ ވަޒީފާއާ ގުޅުނު ދުވަސްވަރު ބަނދަރުގައި ބޭނުންކުރަމުން ދިޔައީ "އައިޕޯޓް" ނަމަކަށް ކިޔާ ސޮފްޓްވެއަރއެކެވެ. ނަމަވެސް، ކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ބަނދަރު" ސޮފްޓްވެއަރ ވުޖޫދަށް ގެނެސް، އޮޕަރޭޝަންތައް އެ ނިޒާމަށް ބަދަލުކުރުމުގެ މުހިންމު މަސައްކަތުގައި ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާއެކު އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މިއީ ކްލިއަރެންސް މަސައްކަތްތައް އަވަސްކޮށް، ޑޭޓާ ބެލެހެއްޓުން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ސޮފްޓްވެއަރގެ ސަބަބުން ކަރުދާހުގައި ކުރަމުންދިޔަ ގިނަ މަސައްކަތްތަކެއް ޑިޖިޓަލް ކުރެވިގެން ދިޔައެވެ.

ހަމައެހެންމެ، ޒަމާނީ ކްލިއަރެންސް މޮޑެލްތައް ފަރުމާކުރުމާއި، ކްލިއަރިން އެޖެންޓުންނަށް ހާއްސަ ޕޯޓަލެއް ގާއިމުކުރުމުގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ އީ-ގޭޓް ފާސް ތައާރަފުކުރުމެވެ. މި ނިޒާމުގެ ސަބަބުން ބަނދަރަށް ވަދެނުކުމެ އުޅޭ އުޅަނދުތަކާއި މީހުންގެ ކަންކަން ބެލެހެއްޓުން ވަރަށް ބޮޑަށް ހަރުދަނާވެ، ސަލާމަތީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ. މީގެ އިތުރުން، މުދާ ދޫކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް ޒަމާނީކުރުމުގައިވެސް މުއާޒު ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.

ބަނދަރުގެ ޖާގައިގެ ދަތިކަމަކީ އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެމްޕީއެލްގެ ވެއަރހައުސްގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މުދާ ރައްކާކުރުމަށް ރެކްތަކެއް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ދިގުލައިގެން ދިޔަ ނަމަވެސް، މިއީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް މުއާޒު ފާހަގަކުރިއެވެ. ޖުމްލަ ގޮތެއްގައި، ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގެ ތަރައްގީއަށް ކުރެވުނު އިދާރީ އަދި އަމަލީ ގިނަ މަސައްކަތްތަކުގައި އޭނާ ވަނީ ވަރަށް ބޮޑަށް ބައިވެރިވެފައެވެ.

މުއާޒު، އެމްޕީއެލް ކާގޯ ކްލިަރެންސްގެ މައި ތަނބު

ކޮވިޑް-19ގެ ބުރަ ދުވަސްވަރު: އާއިލާއާ ދުރުގައި

މުއާޒުގެ 15 އަހަރުގެ ދިގު ކެރިއަރުގައި އެންމެ ހަނދާން ހުންނަ، އަދި އެންމެ ބޮޑު ގުރުބާނީއެއް ވާންޖެހުނު ދުވަސްވަރަކީ ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން މާލެ ލޮކްޑައުން ކުރި ދުވަސްވަރެވެ. މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރި ނަމަވެސް، ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު މާލޭ ވިޔަފާރި ބަނދަރުން ހުއްޓުމެއްނެތި ނެރެން ޖެހުނެވެ. އެހެންކަމުން، ބަނދަރުގެ އޮޕަރޭޝަންތައް އެ ހާލަތުގައިވެސް ކުރިއަށް ގެންދަން މަޖުބޫރުވިއެވެ. ކާގޯ ކްލިއަރެންސްގެ މަސައްކަތަކީ އެއް ދުވަހަށްވެސް މެދުކަނޑާލެވެން ނެތް މަސައްކަތަކަށް ވުމުން، މުވައްޒަފުންނަށް ޖެހުނީ އާދަޔާ ހިލާފު ހިތްވަރެއް ނެރޭށެވެ.

ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން، އޭރުގެ މެނޭޖުމަންޓުގެ އިރުޝާދުގެ ދަށުން އެމްޕީއެލްގެ ގިނަ މުވައްޒަފުންތަކެއް ޖެހުނީ އޮފީހުގައާއި ބަނދަރު ސަރަހައްދުގައި ލޮކްޑައުންވެގެން ތިބޭށެވެ. މުއާޒު ބުނި ގޮތުގައި، އެއީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، އާއިލާއާ މުޅިން ވަކިން، އޮފީހުގައި ކައިބޮއި ނިދައި ހަދަން ޖެހުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އުފުލަންޖެހުނު ވަރަށް ބޮޑު ބުރައެކެވެ. ނަމަވެސް، ގައުމީ ވާޖިބެއް ކަމުގައި ދެކިގެން މުވައްޒަފުން ކުރި އެ މަސައްކަތަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ. އެ ދުވަސްވަރު ބަނދަރުގެ މުވައްޒަފުން ދެއްކި ހިތްވަރަކީ މުޅި ގައުމުގެ ސަޕްލައި ޗެއިން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މައިގަނޑު ސަބަބެވެ.

ތިލަފުށީ ބަނދަރާއެކު އޮތް އުންމީދު

ކޮންމެ ދުވަހަކުވެސް މާލޭ ބަނދަރުން ވަކި ވަރަކަށް މުދާ ބޭރުކުރުމަށް އަމާޒުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، މުދާ ކްލިއަރކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަނދަރުގެ ޖާގައިގެ ދަތިކަމެވެ. މީގެ 40 ވަރަކަށް އަހަރު ކުރިން ހަދާފައިވާ މާލޭ ވިޔަފާރި ބަނދަރަކީ، އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނާއެކު ޖުމްލަ 2.4 މިލިއަން މީހުންގެ އާބާދީއަކަށް ބޭނުންވާ މުދާ އެތެރެކުރުމަށް އެކަށީގެންވާ ތަނެއް ނޫންކަން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބަނދަރުގެ ކެޕޭސިޓީ ވަނީ ފަތުރުވެރިކަމާއި އާބާދީއަށް އައި ކުރިއެރުމާ އެއްވަރަށް ތަރައްގީނުވެފައެވެ. ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެދޭ ފަދަ އަވަސް ހިދުމަތެއް ދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް މިއީ ކަމަށް މުއާޒު ބުންޏެވެ.

ނަމަވެސް، ސަރުކާރުން މިހާރު ކުރިއަށްގެންދާ މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއާއެކު މިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 2026 ވަނަ އަހަރުގެ ނޮވެންބަރު 11 ގެ ނިޔަލަށް ބަނދަރު ބަދަލުކޮށް ނިންމުމަށް އަމާޒު ހިފާފައެވެ.

އެމްޕީއެލްގެ ކޮންމެ މުވައްޒަފެއްގެވެސް މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ތިލަފުށީ ބަނދަރަށް ބަދަލުވުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމެވެ. ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން މުއާޒުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ، އެ މަޝްރޫއުގައި ހިމެނޭ ކްލިއަރެންސް މަސައްކަތްތައް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ފުރިހަމައަށް ނިންމާލުމަށެވެ. މުއާޒު ގަބޫލުކުރާ ގޮތުގައި، ތިލަފުށީ ބަނދަރު ވެގެންދާނީ ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ ވަސީލަތްތަކާއި އޮޕަރޭޝަނަލް ޕްރޮސީޖަރތަކާއެކު ހިންގާނެ ތަނަކަށެވެ.

“އެހެންވީމާ މިވަގުތު އަޅުގަނޑުމެން މާލޭގައި މިކުރާ މަސައްކަތާ އަޅައި ބަލާއިރު ޑަބަލް ނޫނީ ޓްރިޕަލްވެ އިފެކްޓިވް ވާނެ. ފާސްޓް ވާނެ. ހިތްހަމަޖެހޭ ހިދުމަތެއް އަޅުގަނޑުމެންނަށް ދެވޭނެ،”
މުއާޒު

ރާއްޖޭގެ އިގުތިސާދު ފުޅާވަމުންދާ ވަރަކަށް، އެމްޕީއެލް ފަދަ ކުންފުނިތަކުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުރިކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، މެރިޓައިމް އަދި ލޮޖިސްޓިކްސް ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން މި ރޮނގުން މަތީ ތައުލީމު ހާސިލުކޮށްގެން ނުކުމެއްޖެނަމަ، ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ކަމަށް މުއާޒު ބުންޏެވެ. ތިލަފުށީގެ އާ ބަނދަރާއެކު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ސިނާއަތަށް އަންނާނެ އިންގިލާބީ ބަދަލަށް އޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ.