ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޕާޝަލް އިމަޖެންސީ އެކްސަސައިޒް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އެއާޕޯޓުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ކަމާގުޅޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުން ކަމަށެވެ.
މި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި އެހީތެރިވުމުގެ ގޮތުން 'ބިއޯންޑް' އެއާލައިން ބައިވެރިވެފައިވާކަމަށާއި، މި ހަރަކާތް ކުރިއަށްދިޔަ ވަގުތު އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކަށާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރާ، އޮމާންކަމާއެކު ނިންމާލެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައިއެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.
އެމްއޭސީއެލް އިން ބުނީ ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާކަން ކަށަވަރުކުރުމަށާއި، ދިމާވެދާނެ އެކިކަހަލަ ކުއްލި ހާލަތްތަކަށް އަބަދުވެސް ތައްޔާރުވެ ތިބުމަށް އެ ކުންފުނިން ދަނީ ގަވާއިދުން ތަފާތު ހަރަކާތްތައް ބާއްވަމުންކަމަށެވެ.
އެގޮތުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް" (އެފެކްސް) އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުކަން އެމްއޭސީއެލް އިން ވަނީ ފާހަގަކޮށްފައެވެ.
