ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ ކުންފުނިތަކުގެ ތެރޭގައި ހިމެނި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަންލާރި އެވޯޑު" އަނެއްކާވެސް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.
މި އެވޯޑަކީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ އަދި ޓެކްސްގެ ގާނޫނުތަކާއި ގަވާއިދުތަކަށް އެންމެ ފުރިހަމަޔަށް އަމަލުކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މީރާއިން ދޭ އެވޯޑެކެވެ.
އުރީދޫއިން ބުނީ، މި އެވޯޑް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށާއި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި މުޅި ގައުމުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އެ ކުންފުނީގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
މި އެވޯޑް ދިނުމުގައި ކުންފުނިތަކުން ޓެކްސް ބަޔާންތައް ގަވާއިދުން ހުށަހެޅުމާއި، މައުލޫމާތުގެ ސައްހަކަމާއި އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޓެކްސް ފައިސާ ދެއްކުން ފަދަ ކަންކަމަށް މީރާއިން ރިއާޔަތްކުރެއެވެ.
އުރީދޫއިން ވަނީ 2023 އަދި 2024 ވަނަ އަހަރު ޓެލެކޮމިއުނިކޭޝަން ދާއިރާއިން ދައުލަތަށް އެންމެ ބޮޑު ޓެކްސް ދެއްކި ކުންފުނީގެ ގޮތުގައި އެވޯޑު ހާސިލުކޮށްފައެވެ.
2016، 2017 އަދި 2018 ވަނަ އަހަރު މީރާއިން ރަންލާރި އެވޯޑު ދޭން ފެށި ފުރަތަމަ އަހަރުތަކުގައި ވެސް އުރީދޫއިން ވަނީ ކޯޕަރޭޓް ޓެކްސް އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ގެ ބައިން މި އެވޯޑު ހާސިލުކޮށްފައެވެ
އުރީދޫ މޯލްޑިވްސްއަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ރާއްޖޭގައި އެންމެ ފުޅާކޮށް ހިދުމަތްދޭ އަދި އަހަރަކަށްވުރެ އަހަރެއް މާލީ ނަތީޖާ ރަނގަޅުކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ޓެކްސްގެ އިތުރުން އިޖުތިމާއީ ގޮތުންނާއި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީރާއިން 2025 އިން 2026 އަށް އެކުލަވާލާފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން (ސީއައިޕީ) ގެ ދަށުން، އަމިއްލަ އިހުތިޔާރުގައި ޓެކްސް ދައްކާ ފަރާތްތައް އިތުރުކުރުމަށް އަމާޒުހިފާފައިވާއިރު، ރަންލާރި އެވޯޑް ހާސިލުކުރާ ކުންފުނިތަކަކީ އެހެން ވިޔަފާރިތަކަށް އޮތް ނަމޫނާއެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ.
