ޖަލުގައި ބަންދުކޮށްފައި ތިބޭ ކުށްވެރިންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އިސްލާހު ކުރުމަށްފަހު، "އިންސާނީ ގުނަވަން ބަދަލުކުރުމުގެ ބިލު" (އޯގަން ޓްރާންސްޕްލާންޓް ބިލު) ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުން ވަނީ މި ބިލު ފާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި މި ބިލާ ގުޅޭގޮތުން އިތުރަށް ބަހުސްކުރުމަށް އެއްވެސް މެންބަރަކު އެދިވަޑައިގެންފައެއް ނުވެއެވެ.
މި ބިލަކީ މީގެކުރިން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ފޮނުއްވި ބިލެކެވެ. ނަމަވެސް، އެ މަހުގެ 31 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ބައެއް ކަންކަން މުރާޖާ ކުރުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައެވެ.
ރައީސް މި ބިލު އަނބުރާ ފޮނުއްވާލެއްވި މައިގަނޑު ސަބަބަކީ، ޖަލުގައި ބަންދުކޮށްފައި ތިބޭ ކުށްވެރިންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ބިލުގައި އޮތުމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ގުނަވަން ހަދިޔާކުރުމަކީ އަމިއްލަ އިހްތިޔާރާއި ރުހުމުގައި ކުރަންޖެހޭ ކަމަކަށް ވާއިރު، މިނިވަންކަން ހަނިކުރެވިފައިވާ ކުށްވެރިންނަށް އެފަދަ ނިންމުމެއް އެއްވެސް މަޖުބޫރުކަމެއް ނެތި ނިންމުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލެއް ނުކުރެއްވެއެވެ. އަދި އެފަދަ މީހުންނަށް ގުނަވަން ހަދިޔާކުރެވޭނެ ވަކި އުސޫލުތަކެއް ކަނޑަނޭޅި ބިލު ތަސްދީގު ކުރުމަކީ ގާނޫނު ތަންފީޒު ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މި ބިލަކީ ހަމައެކަނި ދިރިހުރި މީހުންގެ ހަށިގަނޑުން ގުނަވަން ބަދަލުކުރުމަށް ހުއްދަދޭ ބިލެކެވެ. މި ގާނޫނުގެ ދަށުން ބައެއް ކަންކަމަކީ ކުށްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މީހެއްގެ ރުހުމާ ނުލައި ގުނަވަނެއް ނެގުން ނުވަތަ އެ ބޭނުންކޮށްގެން ޓްރާންސްޕްލާންޓް ހެދުން.
- އިންސާނީ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ގަނެވިއްކުން.
- ހުއްދަ ނެތި ޓްރާންސްޕްލާންޓާ ގުޅޭ ހިދުމަތް ދިނުމާއި، ދޮގު މައުލޫމާތު ދިނުން.
މި ބިލު މަޖިލީހުން އަލުން ފާސްކުރުމާ ގުޅިގެން، ދެން މި ބިލު ފޮނުވޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށެވެ.
