1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްސަލަ އަދި ނުނިމޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މި މޭރުމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލުތުފީގެ 'ފިލްމެއް' އަދި ނުނިމޭ ކަމަށެވެ. ޝުޖާއު ވިދާޅުވީ ލުތުފީގެ ފިލްމުގެ މިހާތަނަށް އަދި ދެވުނީ "އިންޓަވަލް" އާއި ހަމަޔަށް ކަމަށާއި ލުތުފީގެ ފިލްމު ނިމެންދެއް ރައްޔިތުން ބަލަން ތިބޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިއަށް އޮތީ ލުތުފީ މައްސަލައިގެ ބޮޑެތި ކަންކަން ކަަމަށެވެ. އެހެން ނަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.
ލުތުފީ މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިހާރު ލުތުފީ ހުރީ މާލޭ ޖަލުގައި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ފިލައިގެން ދިޔަ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ލުތުފީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައު 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ބޭސް ފަރުވާއަށް ދިޔައީ ލަންކާއަށެވެ. އެހެން ނަމަވެސް ލުތުފީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވާގޮތުން އޭނާ ފުރަތަމަ ދިޔައީ އިންޑިއާއަށެވެ. އިންޑިއާއަށް ގޮސް ބޭސް ފަރުވާ ކޮށްފައި ވަނީ ޖަލުގައި ދީފައިވާ އަނިޔާ ތަކަށެވެ.
އެއަށްފަހު ލަންކާއަށް ގޮސް އޭނާ ފިލައިގެން 9 އަހަރު އުޅުމަށް ފަހު އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔައެވެ. އޭނާ އެމްބަސީއަށް ދިޔައީ މިއަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު ކަމަށް ވެއެވެ. އޭނާ އެމްބަސީއަށް ދިއުމާއި އެކު އެކަން އެމްބަސީ އިން ވަނީ ދިވެހި ސަރުކާރަށް އަންގައިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެކަން އިއުލާނު ނުކުރެއްވުމުން އިދިކޮޅު ފަރާތްތަކުން ދަނީ އެމަނިކުފާނަނަށް ފާޑު ކިއަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތުގައި އެފަދަ ބޮޑު ކުށްވެރިއަކު ދިވެހި އެމްބަސީއެއްގެ ހިމާޔަތުގައި ހުރެ އެކަން ސަރުކާރުން ހާމަކޮށްފައި ނުވާކަމީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.