އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީ އަށް މެންބަރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް މަޖިލީހަށް ހުށަހަޅުއްވައިފައިވާ ސިޓީފުޅުގައި ވަނީ މިމަހުގެ 3 ވަނަ ދުވަހު އެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭސީސީގައި މިހާރު ތިއްބެވި މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް އަށް ފެނިވަޑައިގަންނަވާ 12 ފަރާތެެއްގެ ނަން ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން ފަސް ފަރާތެއްގެ ނަން ފާސް ކުރުމަށް ފަހު ފޮނުވުމަށްވެސް ރައީސް ގެ ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން ރައީސް މަޖިލީހަށް ހުށަހަޅުއްވައިފައިވާ 12 ފަރާތަކީ،

  • ފާތުމަތު އަނޫލާ / ގ. ވަޑިނޮޅުގެ
  • އާރިފް ރަޝީދު / ބާޑްވިލާ ބ.ތުޅާދޫ
  • ޒީނިއާ އަބްދުﷲ / މަދޮށިމާގެ ހއ.ބާރަށް
  • އިބްރާހިމް ޝަކީލް / ދރނ 3654
  • އައިޝަތު އަބްދުﷲ / ރޯލްގޯލްގެ ޅ.ހިންނަވަރު
  • މަރިއަމް ޝިއުނާ / ނެދުންގެ ސ.ހިތަދޫ
  • މުޖްތަބާ ހަމީދު / ދީފްރަމްގެ ރ.ކަނދޮޅުދޫ
  • އަލީ އަޝްރަފް / ދރނ 3366
  • މަރިއަމް އަހުމަދު / ގ. ޓްރަސްޓުހޯމް
  • ނިޔާޒް އިބްރާހިމް / ބްރޫމް ގދ.ތިނަދޫ
  • އަބްދުﷲ މިޒްއާން / ރަތްވިލާގެ ފ.މަގޫދޫ
  • އާދަމް ޝާމިލް / ރަތްވިލާގެ ތ.ވިލިފުށި

މި ނަންތައް ދިރާސާ ކުރުމަށް މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ މިމަހުގެ 3 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. ލުތުފީ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި ހުންނެވި މުއައްވިޒު ރަޝީދު ވަނީ ރައީސް ކަމަށް އައްޔަން ކޮށްފައެވެ. އަދި އެ ކޮމިޝަނުގެ މެންބަރު އާމިނަތު މިންނާ ވަނީ ނައިބުރައީސް ކަމަށް އައްޔަން ކޮށްފައެވެ. ލުތުފީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު އެ ކޮމިޝަނުގައި 1 މެންބަރެއްގެ މަގާމު ވަނީ ހުސްވެފައެެވެ.