އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މުވައްޒަފުންގެ މުސާރަ ވަރަށް ފަހުން ބޮޑުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އައިއޭއެސްގެ އިސްވެރިން ހާޒިރުކޮށް، އެ މީހުންގެ މުސާރަ ބޮޑުކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ރިޒްވީ އެކަމަށް އެއްބަސްވަމުން ވިދާޅުވީ، މުސާރައަށް ބަދަލުގެންނެވީ ހަމައެކަނި ސީނިއާ ސްޓާފުންގެ ނޫން ކަމަށާއި، ކުންފުނީގެ މުޅި އޮނިގަނޑަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އައިއޭއެސްގެ އިސްވެރިންގެ މުސާރަ އާދަޔާ ހިލާފަށް ބޮޑުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި، އެ ކުންފުނީގެ އެމްޑީގެ މުސާރައަށް 100000 ރުފިޔާ އާއި ޑީއެމްޑީގެ މުސާރަ 86،000 ރުފިޔާ އަށް ބޮޑު ކުރި ކަމަށް ބުނެ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެ ކުންފުނީގެ އެމްޑީގެ މުސާރަ ބޮޑުވި ކަމަކަށް ރިޒުވީ އެއްބަސްވެ ވަޑައެއްނުގަންނަވައެވެ. ރިޒުވީ ވިދާޅުވީ، ރާއްޖޭގައި ވައިގެދަތުރުފަތުރުގެ ހިދުމަތް ދޭ އެހެން ކުންފުނިތަކާ އަޅާ ބަލާއިރު، އައިއޭއެސްގެ މުވައްޒަފުންގެ މުސާރަ ކުޑަކަމަށެވެ.

މީގެ ކުރިން ރިޒުވީ ވިދާޅުވެފައިވާ ގޮތުގައި، އައިލެންޑް އޭވިއޭޝަންގެ ވެރިންގެ މުސާރަ ބޮޑު ކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ އޭވިއޭޝަނުން ދޭ މުސާރައާ ބެހޭ އެއްވެސް ނިންމުމެއް ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލާ ނުނިންމާ ކަމަށާ އޭނާގެ މުސާރަ ބޮޑު ކުރަން ވެސް އެދިވަޑައިގެންފައި ނުވާނެ ކަމަށް ރިޒުވީ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން، ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި ހެޑް އޮފް ޑިޕާޓްމަންޓްތަކުގެ މުސާރަ ބޮޑު ކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ކުންފުނީގެ ޕައިލެޓުންނާއި އެހެން މަގާމްތަކުގެ މުސާރަ ބޮޑުކުރިތޯ ނުވަތަ ނޫންތޯ އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން، ސަރުކާރުގެ އެއްވެސް އިދާރާއަކުން މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް އަދި މުސާރައަށް ބަދަލު ގެނެސްފި ނަމަ އެއަށް އަމަލު ކުރެވޭނީ ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމަށްފަހު އެ މިނިސްޓްރީގެ ހުއްދައާ އެކުއެވެ.

އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރަ ބޮޑުކޮށްފައި ވާއިރު އެމްޑީ އަދި ޑީއެމްޑީގެ އިތުރުން، އެ ކުންފުނީގެ ސީއެފްއޯ، އެޗްއާރް ޑިރެކްޓާ، ގްރައުންޑް އޮޕަރޭޝަން ޑިރެކްޓާ އަދި ޖެނެރަލް މެނޭޖަރުގެ މުސާރަވެސް އުޅެނީ 50،000 އިން މަތީގައެވެ.