ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް، ޖެންޑާ މިނިސްޓްރީން މިފްކޯއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.
އެގޮތުން މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ އެ ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަގީން ކުރެވޭނެއެވެ.
އަދި ހަމަ އެހެންމެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ފުދުންތެރިކަން އިތުރުކުރެވި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ވެސް އުފާވެރި، ފުދުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުގެ ތެރެއިން އެ ފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރެވި، އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމުގެ މަގު ފަހިކޮށްދެވޭނެ ކަމަށް ވެއެވެ.
ވަޒީފާގެ މައިދާނުގައި ނުކުޅެދޭ މީހުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި، ދާދިފަހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް ވެސް އެކުލަވާލާފައެވެ.