ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މި މަހު ރާއްޖެއިން ބޭރަށް 7 ކުއްޖަކު ފޮނުވަން ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ނިންމާފައިވާއިރު މިދިޔަ އޭޕްރީލް މަހު ވަނީ ތިން ކުއްޖަކު ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި ބާކީ ތިބި 7 ކުދިން މި މަހު ފޮނުވުމަށް ހެލްތް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ހެލްތް މިނިސްޓްރީން ބުނީ، މި މަހު ފޮނުވާ ހަތް ކުދިންގެ ތެރެއިން ތިން ކުދިން އިއްޔެ ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށެވެ. އަދި މިއަދު 1 ކުއްޖަކު ފުރަން ހަމަޖެހިފައިވާއިރު މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހުގެ އިތުރުން 12 ވަނަ ދުވަހު އިތުރު ތިން ކުދިން ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ބޯން މެރޯ ހެދުމަށް މިމަހު ފުރާ 7 ކުދިންނާ ހެލްތް މިނިސްޓަރު، އަބްދުﷲ ނާޒިމް އިބްރާހީމް ބައްދަލުކުރައްވާފައިވާއިރު މިބައްދަލުކުރެއްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. އެކަމަށް ހެލްތް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދުވަނީ ހުސްވި އަހަރު އެއްބަސްވުމެއް އެކުލަވާލާފައެވެ.
ސަރުކާރުން ތެލެސީމިއާ މައްސަލައަށް ދޭ ހާއްސަ އިސްކަމުގެ ތެރެއިން ބޯޏްމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ އިތުރުން ތެެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ.
އެގޮތުން، ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ހުޅުމާލެއިން 72،000 އަކަފޫޓުގެ ބިން ހަމަޖެހިފައިވާއިރު އެ ހޮސްޕިޓަލް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ. މީގެ އިތުރުން ތެލެސީމިއާ ރާއްޖެއިން ނައްތާލުމަށް 10 އަހަރުގެ މާސްޓާ ޕްލޭންއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ރާއްޖެއިން ތެލެސީމިއާ ބަލި ނައްތާލުން ނުވަތަ މިހާރަށްވުރެ ބޮޑު ތަނުން ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެވެ.