2023 ވަނަ އަހަރު ނިމުނުއިރު އައިލޭންޑް އޭވިއޭޝަންގެ ދަރަނި 2 ބިލިއަނަށްވުރެ ބޮޑު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ އައިލޭންޑް އޭވިއޭޝަންއަކީ 4 މިލިއަން ރުފިޔާގެ ޕެއިޑްއަޕް ކެޕިޓަލަކުން އުފެއްދި ދައުލަތުގެ 100 ޕަސެންޓް ހިއްސާ އޮތް ކުންފުންޏެއް ކަމަށެވެ.

2018 ވަނަ އަހަރު ކުންފުނީގެ އެސެޓް ވެލިއުއަކީ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ ކަމަށާއި 2018 ވަނަ އަހަރު ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާގެ ރެވެނިއު ކުންފުންޏަށް ލިބުނު ކަމަށް އަމީން ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރު ކުންފުނީގެ ނެޓް ޕްރޮފިޓަކީ 89 މިލިއަން ރުފިޔާކަން އަމީން ފާހަގަކުރެއްވިއެވެ.

ކުންފުނި އުފެދުނީއްސުރެ 2018 ވަނަ އަހަރު ނިމުމާހަމައަށް ކުންފުނި ކުރިއަރާފައި ވަނީ ރަނގަޅު މިސްރާބެއްގައިކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ އެހެން ނަމަވެސް 2023 ނިމުނުއިރު (5 އަހަރު ތެރޭގައި) ކުންފުނީގެ ދަރަނި 2 ބިލިއަނަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން 2012 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަންއިން އޮޕަރޭޓް ކުރަމުން ގެންދިޔަ މާލެ-ޗެންނާއި-ޑާކާ/ ޑާކާ-ޗެންނާއީ-މާލޭ ދަތުރުތަކާއި ސީޕްލޭންގެ ވަރަށް ގިނަ ކޮންޓްރެކްޓްތައް ކުންފުނިން ގެއްލިފައި އޮތް ކަމަށާއި 2013ގައި ފެއްޓިފައި އޮތް (ބެންކޮކް މެދުވެރިކޮށް ހިންގަމުންދިޔަ) ޗައިނާ އޮޕަރޭޝަންސް ވެސް ހުއްޓިފައި އޮތް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކުންފުނީގައި އޮތް އެންމެ ރަނގަޅު އެއް އެއާބަސް (A321) 2022 ވަނަ އަހަރު އެތައް މިލިއަން ޑޮލަރަކާއެކު ހަރަދުކޮށް "ރިޓާން ކޮންޑިޝަނަށް" ގެނެސް އެ ބޯޓު ވެސް އޮތީ ދޫކޮށްލާފައި ކަމަށެވެ. އަދި ބޭނުން ކުރަމުންދިޔަ ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތަކުގެ ތެރެއިން ސްޕެއާ ނަގަމުން ނަގަމުން ގޮސް 2023 ވަނަ އަހަރު ނިމުނުއިރު 4 މަތިންދާބޯޓު ބޭނުން ނުކުރެވޭ ހާލަތަށް އައިސްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.