ޒަމާނުއްސުރެ މޮޑެލް ކުރުމަކީ އަންހެނުން ކުރަމުންދިޔަ ކަމެކެވެ. އަދި ވިސްނިފައި ވެސް އޮތީ އެއީ އަންހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށެވެ. އެގޮތުގެ މަތިން ރާއްޖޭގައި ވެސް މޮޑެލް ކުރުމުގެ މަސައްކަތް ގިނައިން ކުރަމުން ދިޔައީ އަންހެނުންނެވެ. އަދި އޭރު މި ދާއިރާގައި ފިރިހެނެއްގެ ބައިވެރިވުން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ނަމަވެސް ޒަމާނާ އެއްގޮތަށް އަހަރުމެންގެ ވިސްނުން ބަދަލުވެ އެ ދާއިރާގައި ފިރިހެން ކުދިން އެޅޭލެއް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. އަދި މިހާރު އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންގެ ބައިވެރިވުންވެސް މިދާއިރާގައި ހަމަހަމައިން ފެންނަން ދިޔުމަކީ މި މަސައްކަތަށް ޝައުގުވެރިވަމުން އަންނަ ފިރިހެންކުދިންނަށް ވެސް ލިބިގެންދިޔަ އިތުރު ހިތްވަރަކެވެ.
އެގޮތުން ދަ ޕްރެސް އިން ގެނެސްދޭ "މީހުން" ސެގްމެންޓުގެ މިއަދުގެ ބައިވެސް މިހާއްސަ ކޮށްލަނީ އެފަދަ ކުޅަދާނަ ފިރިހެން މޮޑެލް އަކަށެވެ. އއ. ތޮއްޑޫއަށް އުފަން ކުޅަދާނަ މޮޑަލްއެއް ކަމަށްވާ ޝަރީޝް އަކީ 10 ބެއިންގެ ތެރެއިން 7 ވަނަ ކުއްޖާއެވެ. އުމުރުން 27 އަހަރުގެ ޝަރީޝް ރަށުން ތައުލީމް ހާސިލް ކުރުމަށްފަހު މާލެ ބަދަލުވީ 2013 ވަނަ އަހަރުއެވެ. މާލެ ބަދަލުވުމަށްފަހު އެކި އެކި ކޯސްތައް ހަދާފައިވާއިރު އޭނާ މިހާރު ދަނީ ބެޗެލާސް އޮފް މާކެޓިންގް ކިޔަވަމުންނެވެ.
މޮޑެލިންގް ދާއިރާއަށް ވަނުމަކީ ޝަރީޝް އުންމީދުކުރި ކަމެއް ނޫން
މޮޑެލިންގް ދާއިރާއަށް ވަދެވުނީ ރިޒްނާ އަހުމަދު (ރިޒް ދައްތަ) ފަހި ކޮށްދިން ފުރުސަތަކުން ނަމަވެސް އޭރު އެކަން ކުރަން ފެށީ އެހާ ސީރިއަސް ވެގެން ނޫން ކަމަށް ޝަރީޝް ކިޔާދިނެވެ. އެގޮތުން މޮޑެލް ކުރުމަށް ޝައުގުވެރިކަން ފާޅު ކުރުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމަށް ދާން ބުނުމުން ވެސް ޝަރީޝް ވިސްނީ އެއީ އަސްލެއް ނެތް ހަގީގަތަކަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އޭނާ އުންމީދު ކުރި ގޮތާއި ހިލާފަށެވެ.
މޮޑެލް ކުރުމުގެ ދާއިރާގެ އިތުރުން ޝަރީޝް ދަނީ އެކި ކަހަލަ އިޝްތިހާރުތައް ވެސް ކުޅެމުންނެވެ. އެގޮތުން ދިރާގު، އެސްޓީއޯ ފަދަ އެކި ކުންފުނިތަކުގެ އިޝްތިހާރުތައް ކުޅެމުން ދެއެވެ. އިޝްތިހާރު ކުޅުމުގެ ފުރުސަތު ފަހިވީ ދިވެހި މޮޑެލިންގް އެޖެންސީ އެއް ކަމަށްވާ "ދިވާސް" ގެ ފަރާތުން ކަމަށް ޝަރީޝް ބުންޏެވެ. އަދި އެއަށްފަހު މަޑުމަޑުން އިޝްތިހާރުތައް ވެސް ކުޅެމުންދިޔަ ކަމަށް ޝަރީޝް ކިޔާދިނެވެ.
ޕައިލެޓަކަށް ވާން ބޭނުންވި ނަމަވެސް އެ ދާއިރާއިން ކުރިއަށް ނުދެވުނީ ބަލި ހާލަތު ހުރި ގޮތުން
އަބަދުވެސް ދެކޭ ހުވަފެނެއް އޮންނަކަން ފާހަގަކޮށް ޝަރީޝް ބުނީ އޭވިއޭޝަންގެ ދާއިރާ އަކީ ވަރަށް ކުރިއަށްދާން ބޭނުންވި ދާއިރާއެއް ކަމަށެވެ. އެގޮތުން ޕައިލެޓަކަށް ވުމަށް ވަރަށް ފޮނި އުންމީދު ކުރި ނަމަވެސް އޭނާގެ އެ އުންމީދު ހަގީގަތަކަށް ނުހެދުނު އެންމެ ބޮޑު އެއް ސަބަބަކީ ސިއްހީ ހާލަތެއް މެދުވެރިވެގެން ކަމަށް ޝަރީޝް ކިޔާދިނެވެ.
"އޭވިއޭޝަން އިޒް މައި ޑްރީމް ޖޮބް، އެގޮތުން ޕައިލެޓަކަށް ވާން އޭރު ވަރަށް ބޭނުންވި އެކަމަކު 'ކަލާ ބްލައިންޑް' ވުމުގެ ސަބަބުން ޕައިލެޓަކަށް ނުވެވުނު." ހުވަފެންތަކާ ދުރަށް ދާން ޖެހުނު ގޮތާ މެދު މާޔޫސްވެފައި ޝަރީޝް ބުންޏެވެ.
އެފަދައިން މެދުވެރިވި ނަމަވެސް ޝަރީޝް ވަނީ 3 އަހަރު ދުވަހު 'މޯލްޑިވިއަން' ގެ ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރަން ބޭނުންވެފައި ހުއްޓާ ލިބުނު އެ ފުރުސަތުން މާބޮޑު ކުރިއެރުމެއް ޝަރީޝް އަށް ލިބޭ ގޮތް ނުވީ ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުންނެވެ. އެފަދަ ބޮޑު ކަމެއް ދިމާ ވުމުން ބެކްއަޕް ޕްލޭނެއް އިންނަން ޖެހޭނެ ކަމަށް އަމިއްލަ އަށް ގަބޫލު ކުރެވި އޭނާ ބޭނުންވީ އިތުރަށް ކިޔެވުމަށެވެ. ނަމަވެސް އެކަން ކުރުމަށް ވަޒީފާގައި ދެމި ނުހުރެވުނު ކަމަކީ އެ ކެބިން ކްރޫގެ ވަޒީފާ ދޫކޮށްލި ސަބަބު ކަމަށް އޭނާ ކިޔާދިނެވެ.
ކެބިން ކްރޫގެ ވަޒީފާގެ އުޅުން ދުވަސްވަރަކީ ވަރަށް ގިނަ ކަންކަމަށް ލޯ ހުޅުވުނު ދުވަސް ވަރެއްކަން ފާހަގަކޮށް ޝަރީޝް ބުނީ އެކި ތަފާތު މިޒާޖުގެ މީހުންނާ ބައްދަލުވެ އެފަދަ މީހުންނަށް ހިދުމަތް ދިނުމުގެ ފުރުސަތު ލިބިގެންދިޔައީ ކުރެވުނު ރަނގަޅު ތަޖުރިބާއެއް ކަމަށް ހުދު ޝަރީޝް ގަބޫލު ކުރެއެވެ.
ދާއިރާ އާ މެދު އާންމުން ދެކޭ ގޮތަކީ މޮޑެލިންގް އިން ކުރިއަށްދާން އުނދަގޫވާ ސަބަބެއް
ކޮންމެ މަސައްކަތެއް ކުރި ނަމަވެސް މީހުން ފާޑު ކިޔާނެކަން ފާހަގަކޮށް ޝަރީޝް ބުނީ، ފިރިހެނުން މޮޑެލް ކުރުމަކީ މުޖްތަމައު އެހާ ބަލައިގަންނަ ކަމެއް ނޫނެވެ. އެހެން ދިމާވަނީ ދާއިރާގައި ކުރިއަށްދާ މަދު ކުދި ބައެއްގެ އަމަލުތައް ހުންނަ ގޮތުން ނަމަވެސް އެފަދަ ބަދު ބަސްތައް އެ ދާއިރާއެއްގައި އުޅޭ އެންމެންނަށް އަމާޒު ކުރުމަކީ ވަރަށް އުނދަގޫ ވާ ކަމެއް ކަމަށް ވެއެވެ.
ނަމަވެސް ރަނގަޅު މަގްސަދެއްގައި ކުރިއަށްދާނަމަ އެކަމުން ރަނގަޅު އާމްދަނީއެއް ލިބޭ ނަމަވެސް ވަޒީފާއެއް ނެތި މި ރޮނގުން ކުރިއަށް ދިޔުމަކީ އެހާ ބުއްދިވެރި ގޮތެއް ނޫން ކަމަށް އޭނާ ކިޔާދިނެވެ. "ޖޮބް އަކާ ނުލާ މި ދާއިރާއިން ކުރިއަށްދާން ރިކޮމެންޑްއެއް ނުކުރާނަން. އެއީ ވަރަށް ރިސްކީ ކަމެއް" ޝަރީޝް ބުންޏެވެ.
އިޝްތިހާރާއި މޮޑެލް ކުރުމުގެ އިތުރުން ޝަރީޝް ވަނީ ލަވައެއް ވެސް ކުޅިފައި
ފިލްމު ކުޅުމުގެ ވިސްނުން ނުގެންގުޅޭ ޝަރީޝް ވަނީ ލަވައެއް ވެސް ކުޅިފައެވެ. ނިކްލަތް (ނިކީ) އާއެއްކޮށް ލިބުނު އެ ފުރުސަތު ފަހުވެގެން ދިޔައީ ޝަމްވީލްގެ ސަބަބުން ކަމަށް އޭނާ ކިޔާދިނެވެ. އަދި އޮފާ ބަލައިގަތީ ނިކީ އަކީ ވަރަށް ގާތް ރައްޓިއްސެއްގެ އިތުރުން ފިލްމު ވެސް ކުޅޭ މީހަކަށް ނުވާތީ ކަމަށް ޝަރީޝް ބުންޏެވެ.
ފިލްމު ކުޅުމުގެ ދާއިރާއަށް ޝައުގުވެރިކަން ނުހުންނަ އެއް ސަބަބެއްގެ ގޮތުގައި ޝާރީޝް ފާހަގަ ކުރީ ކުރާ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ނުލިބުމެވެ. ނަމަވެސް އެފަދަ އެފާއެއް ލިބިއްޖެ ނަމަ އެކަމާ މެދު ވިސްނާނެ ކަމަށް އޭނާ ބުންޏެވެ.
ޝަރީޝްގެ ވިސްނުން ހުރީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކުރިއަށް ދިއުމަށް
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މާކެޓިންގައި މިހާރު މަސައްކަތް ކުރަމުންދާ ޝަރީޝްގެ ވިސްނުން ހުރީ ކިޔަވައިގެން އަމިއްލަ ފައި މައްޗަށް ތެދުވުމަށެވެ.
"މިހާރު ބޮޑަށް ވިސްނުމުގަ ހުރީ ކިޔަވައިގެން އަމިއްލަ ބިޒްނަސްއެއް ސްޓާޓް ކުރަން" މުސްތަގްބަލާ މެދު ފޮނި އުންމީދުތައް ކުރަމުން ޝަރީޝް ބުންޏެވެ. އަދި ހަމަ އެހެންމެ މިހާރުވެސް އެފަދަ ކަމެއް ފަށައިގެން އުޅޭ ކަމަށާއި އުންމީދަކީ އެކަމުގައި ކާމިޔާބު ލިބުން ކަމަށާއި ރާއްޖެއިން ކިޔެވުމަށްފަހު މާސްޓާސް ހެދުމަށް ބޭރު ގައުމަކަށް ދިއުމަކީ ވެސް ވަރަށް ބޮޑު އުންމީދެއް ކަމަށް ކިޔާދިނެވެ.
ވަޒީފާއެއްގައި އުޅެމުން މިހުރިހާ ކަމެއް ކުރުމަކީ ހަސަލް އެއް: ޝަރީޝް
ވަޒީފާއަކަށް ދަމުން ކުރާނަމަ ވަރަށް ހިތްވަރު ބޭނުންވާ ކަން ފާހަގަކޮށް ޝަރީޝް ބުނީ ބީސީސީންވެސް މިކަންކަމުން ކުރިއަށް ދިއުމަށް އެހީތެރިވެދޭ ކަމަށެވެ. އެގޮތުން އެ ހުންނަ ރެސްޓްރިކްޝަން އާއި ހިލާފު ނުވާނަމަ ވަޒީފާ އަދާ ކުރާ ތަނުން ވެސް އެހީވާ ކަމަށާއި ދެން ހުންނަ މަސައްކަތްތައް ގިނައިން ކުރަނީ ޑިއުޓީ ގަޑީގެ ބޭރުން ކަމަށް އޭނާ ބުންޏެވެ.
ހަމަ އެހެންމެ އެ ވަޒީފާގެ މާހައުލަކީ މަސައްކަތް ކުރަން ވަރަށް ފަސޭހަ މާހައުލެއް ކަމަށާއި އެ މީހަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު ފަހުކޮށްދިނުމަށް ވަރަށް މަސައްކަތް ކޮށްދޭ ކަަމަށް ޝަރީޝް ބުންޏެވެ. އަދި އިޝްތިހާރު އެއްޗިސް ކުޅޭ ނަމަ އެ ފުރުސަތު އޮފާ ކުރާ ފަރާތަކުން ވެސް ޑިއުޓީ ގަޑިއާއު ކްލޭޝް ނުވާނެ ގޮތަކަށް ޝޫޓް ތަކާއި އެއްޗިސް އެރޭޏްޖް ކޮށްދޭ ކަމަށް ޝަރީޝް ބުންޏެވެ.
ބޭރު ގައުމެއްގައި މޮޑެލް ކުރުމުގެ ފުރުސަތު ލިބުމުގެ ހުވަފެންތައް ދެކެމުން އަންނަ ޝަރީޝް މި ދާއިރައިން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެންދަނީ އޭނާގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުންނެވެ. ހާއްސަކޮށް މަންމަ ދޭ ސަޕޯޓް ޝަރީޝް ފާހަގަ ކުރީ އުފަލުން ހުރެއެވެ.
ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރުމަކީ ވެސް އެމީހަކު ކުރަން ބޭނުން ނަމަ ކުރެވިދާނެ ކަމެއްކަން ފާހަގަކޮށް ޝަރީޝް ބުނީ، އެންމެ މުހިންމު ކަމަކީ އަމިއްލަ މީހާގެ އަގު ހިފެހެއްޓުމެވެ. ދާއިރާގައި އުޅޭ މަދު ބައެއް ކުރާ ކަންކަމުގެ ސަބަބުން އެ ދާއިރާއެއްގައި އުޅޭ އެންމެންނަށް ވެސް އެފަދަ ނޭދެވޭ ކޮމެންޓުތައް ލިބޭ ނަމަވެސް އަމިއްލަ މީހާގެ އަގު ހިފެހެއްޓުމުން އެކަންކަމާ އަމިއްލައަށް ދުރުވެވޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.