ކަނޑުއުޅަނދުފަހަރު މޮނިޓާ ކުރާނެ ޒަމާނީ ނިޒާމެއް އިމިގްރޭޝަނުން ތައާރަފް ކޮށްފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ އިމިގްރޭޝަންގެ ސީޕޯޓު ޑިވިޝަނުން މިހާރު ވަނީ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމުގެ ނިޒާމެއް ގާއިމުކޮށްފައި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މި ނިޒާމާއެކު މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ގާބިލުކަން އެ އިދާރާއަށް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ބޯޓު ފަހަރުތައް ރާއްޖެއަށް އަންނާނެކަމަށް ލަފާކުރެވޭ ވަގުތައް މީގެކުރިން އިމިގްރޭޝަނުން ދެނެގަންނަނީ އެހެން އިދާރާ ތަކާއި ގުޅިގެންނެވެ. އެގޮތުން ކަސްޓަމްސްއާއި އެމްޕީއެލް މެދުވެރިކޮށް އެފަދަ މައުލޫމާތުތައް ހޯދަމުން އައިނަމަވެސް މި ޒަމާނީ ވަސީލަތާއެކު މިކަމަށް ފަސޭހަ ލުޔެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ ގާއިމުކުރެވުނު އާ ނިޒާމާއެކު ކަނޑުއުޅަނދުތައް އޮންނަ ހިސާބާއި އެ އުޅަނދުތައް ދަތުރު ކުރާ ގޮތުގެ އިތުރުން ރާއްޖެ އައިސް އެނބުރި ދާ ގަޑިތައްވެސް ދެނެގަނެވޭނެ ކަމަށެވެ.