ޅ. ނައިފަރުން ކުޑަ ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ނައިފަރު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) ކަމަށެވެ.
މައިސަރާ، ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށާއި އޭގެ ފަހުން ހަބަރެއް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އަދި އޭރު މައިސަރާ ލައިގެންހުރީ، އަތްކުރު ވިލު ނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެއެވެ.
އެހެން ކަމުން ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.