ތަހުގީގުތަކާ ކުރިމަތި ލައްވާނެ ކަމަށާއި ޒިންމާތަކުން ރެކިވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވެފައި ވަނީ އިންޑިއާއަށް ބޭސް ފަރުވާ ކުރެއްވުމަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކުރިން ކުރައްވައިފައިވާ ޓްވީޓެއްގައެވެ. އަދީބު ވިދާޅުވީ ފަހި ވަގުތުތަކާއި ދަތި އުނދަގޫ ތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ވަގުތު ތަކުގައި ވެސް އޭނާ ހުންނެވީ ރާއްޖެއާ އެކުގައި ކަމަށެވެ. މީގެ އިތުރުން އަދީބު ވިދާޅުވީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުނި ކަމުގައި ވީނަމަވެސް އޭނާ ގައުމު ދެކެ ލޯބިވެ ވަޑައިގަންނަވާ ކަމަށެވެ.
އަދި އެންމެނަށް ސަލާމަތުގެ އައްސޭރިއަކަށް އާދެވެނީ ގުޅިގެން ކުރާ މަސައްކަތުންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދީބު ވިދާޅުވީ، އެންމެ ހިތްދަތި ވަގުތުތަކުގައި ވެސް އޭނާ މަސައްކަތް ކުރައްވައިފައި ވާނީ އިންސާފު ހޯއްދެވުމަށް ޓަކައި ކަމަށެވެ. އަދި އެ އިންސާފުގެ އަލިކަން ފެނިވަޑައިގަތީ ޖަލުގެ ދަގަނޑު ތޭރިތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ ޒިންމާއިން ރެކިވަޑައިގަތުމާއި ފިއްލަވައިގެން ވަޑައިގަތުމަކީ އުސޫލު ނޫން ކަަމަށާއި، ގައުމުގެ ހިދުމަތުގައި އުފުލަން ޖެހިވަޑައިގަންނަވާ ކޮންމެ ޒިންމާއެއް އުފުއްލަވައި، ހުރސްތައް ގިރާ ކުރައްވައި، ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއްގައި ކުރިމަތި ލައްވަނީ މި ގައުމުދެކެ ވެވަޑައިގަންނަވާ ލޯބީގެ ހައްގުގައި ކަމަށެވެ.
އިންޑިއާއަށް ލޮލުގެ ބައްޔަކަށް ބޭސްފަރުވާއަށް ވަޑައިގަތުމަށްފަހު އަދީބު ވަނީ މިއަދު އެނބުރި ރާއްޖެ ވަޑައިގެންފައެވެ.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބަކީ އެމްއެމްޕީއާރުސީ ހިޔާނާތާއި ކުރީގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސް ޔާމީނު އަވަހާރަ ކޮށްލައްވަން އުޅުއްވުން ފަދަ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ދިގު މުއްދަތަކަށް ޖަލަށް ލާއިފައި ހުއްޓައި މިނިވަންކޮށް މި ސަރުކާރުން، ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވި ބޭފުޅެކެވެ.
ކޮރަޕްޝަނާއި ޓެރަރިޒަމް ހިމެނޭ ގޮތުން އަދީބު މައްޗަށް އުފުލި ދައުވާ ތަކުގައި 33 އަހަރު ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ހުކުމެއް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ.