ސުޕްރީމް ކޯޓުން ނެރެފައިވާ ދެ ކޯޓު އަމުރުއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށް ގާނޫނުން ލިބިދީފައިވާ ބާރު ކަނޑުވާލި ކަމަށް ބުނާ މައްސަލަ ބޭރުގެ ފަންނީ މާހިރުންގެ ލަފަޔާއެކު ބެލުމަށް ހަމަޖެހިފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖެއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީ އިން ބުނީ މި މައްސަލަ ބެލުމަށް ނިންމީ ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން ގާނޫނުގެ އޮނިގަނޑާ ހިލާފަަށް ނެރުއްވާފައިވާ ދެ ވަގުތީ އަމުރެއްގައި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައިފައިވާ ކަމަށް މަޖިލީހުން ބުނެފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެދިފައިވާތީ ކަމަށެވެ. އަދި މީގެ އިތުރުންވެސް ސުޕްރީމް ކޯޓުން ޖޭއެސްސީގެ ބާރު ކެނޑިގެން ދާފަދަ ފިޔަވަޅެއް އަޅާފައިވޭތޯ އާއި އަދި ދައުލަތުގެ އެހެން މުއައްސަސާ އެއްގެ ބާރު ކެނޑިގެން ދާފަދަ ފިޔަވަޅެއް އަޅާފައިވޭތޯ ތަހުގީގު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ދިނުމަށް އެ ސިޓީގައި އެދިފައި ވާކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.

އެހެން ކަމުން ބޭރުގެ ފަންނީ މާހިރުންގެ ލަފައާއެކު މިކަން ތަހުގީގު ކުރުމަށް ފަހު ރިޕޯޓު ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ޖޭއެސްސީ އިން ކުރަމުން ދާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ ދެއަމުރަކީ ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ ފަނޑިޔާރު އަބްދުﷲ ދީދީ މައްސަލައަކާ ގުޅިގެން ޖެއެސްސީ އިން ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމާ ގުޅިގެން ނެރެފައިވާ ދެ އަމުރެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީ އިން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ މައްސަލައަކީ ގާނޫނީ އިޖުރާއާތާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާ އެހެން ކަމުން ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިންމަންދެއް ފަނޑިޔާރު ދީދީ ގެ ސަސްޕެންޝަން އުވާލުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޖޭއެސްސީ އަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރަށް ހުރަސް އެޅޭގޮތަށް ނިންމާފައިވާ އަމުރެއް ކަމަށް ނިންމައި ޖޭއެސްސީ އިން އެ އަމުރާ އެއްގޮތަށް އަމަލު ނުކުރުމަށް ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ސުޕްރީމް ކޯޓުން ނެރޭ އަމުރާ ހިލާފަށް ޖޭއެސްސީ އިން އަޅާ ކޮށްމެ ފިޔަވަޅަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެފައެވެ.