ގައުމީ މަސްލަހަތު ހިމެނޭ މައްސަލައެއް ހުށަހަޅައިފި ނަމަ ސުޕްރީމް ކޯޓުން މަސައްކަތް ކުރަނީ ސިޔާސީ ޖަގަހައެއްގެ ގޮތަށް ކަަމަށާ، ވިޔަފާރީން މައްސަލައެއް ހުށަހެޅިއްޖެ ނަމަ ސުޕްރީމް ކޯޓު ސިފަވަނީ ނީލަން ފިހާރައެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާ ރާއްޖޭގައި މިހާރު އަދުލު އިންސާފެއް ނެތް ކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ. ސިރާޖު ވިދާޅުވީ ސުޕްރީމް ކޯޓުން ގާނޫނުން ލިބިދީފައި ނުވާ އެތައް ކަމަކަށް ބާރު ފޯރުވާކަމަށެވެ. އަދި ސުޕްރީމް ކޯޓުން ގާނޫނީ އޮނިގަނޑުގެ ބޭރުން ކުރަމުންދާ ކަންކަން ވަގުތުން ހުއްޓުވަން ޖެހޭ ކަމަށާ އެ ކޯޓުގައި ތިބި ފަސް ފަނޑިޔާރުން މިހާރުން މިހާރަށް މަގާމުން ވަކިކޮށްގެން ނޫނީ އަދުލު އިންސާފު ގާއިމު ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖޭއެސްސީ މަޖިލީހަށް ހާޒިރުކޮށް ބެލި ބެލުމުން އެނގިފައި ވަނީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ބާރު ފޯރުވުމަށް މަސައްކަތް ކުރާ ކަން ކަމަށާ ރާއްޖޭގެ ކޯޓުތަކުގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އަޅަނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މީގެ އިތުރުން ސިރާޖު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުން އަވަސް ކުރުމަށާ، ސުޕްރީމް ކޯޓުގެ މެންބަރުންގެ ފެންވަރު ބެލުމަށް އަދި ފަނޑިޔާރުންގެ ކޮރަޕްޝަނުގެ އެއްވެސް މައްސަލްއެއް ހުށެހެޅިފައި ވޭތޯ ބެލުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ތާއިދު ކުރައްވާފައެވެ.

ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީގެ ޖިނާއީ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަނީ ދެ އަމުރެއް ނެރެފައެވެ. އެގޮތުން ސުޕްރިމް ކޯޓުން ނެރެެފައިވާ ފުރަތަމަ އަމުރަކީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން އުވާލުމަށް ނެރެފައިވާ އަމުރެކެވެ. އަދި ދެވަނަ އަމުރަކީ ސުޕްރީމް ކޯޓުގެ އަމުރަށް ޖޭއެސްސީ އިން އަމަލު ނުކުރުމަށް ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް އަޅާ ކޮންމެ ފިޔަވަޅަކީ ބާތިލު ކަމެއް ކަމަށް ބުނެ ނެރެފައިވާ އަމުރެކެވެ.