ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރުމަށް 67 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މި ބިލު ފާސް ކުރުމަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. އަދި މި ބިލާ މެދު ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާކަމަށް ވަނީ 1 މެންބަރަކު ވޯޓު ދީފައެވެ.

މި ބިލަކީ ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލަށް އިތުރު އިސްލާހެއް ގެނައުމަށް އެއްވެސް މެންބަރަކު މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެއެވެ.

މަރުގެ މައްސަލަތަކާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައި ވަނީ، މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތައް ބަލާ ކޮމިޝަނެވެ. މިދިޔަ މަޖިލީހަށް މި ދެ ބިލް ހުށަހެޅި ނަމަވެސް، މި ބިލް މި ބިލް މަޖިލީހުން ފާސް ނުކޮށް ގިނަ ދުވަސްތަކެއް ވަނީ ނަގާފައެވެ..

މިދިޔަ މަޖިލީހުގައި ބިލުގެ މަސައްކަތް ދިގުދެމިގެން ދިޔަ އިރު، ބިލަށް ވޯޓު ނޭހި ހަތަރު ޖަލްސާއެއް ނިންމާލަން ޖެހުނެވެ. މި ބިލަކީ ރައްޔިތުން އެ ކަމެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ބިލަކަށް ވާތީ، މި ބިލަށް ވޯޓަށް އެހެން އޮންނަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން މަޖިލީހުގައި ހާޒިރުވެ ތިބޭ ނަމައެވެ.

މަރު ކޮމިޝަނުން ވަނީ އެ ކޮމިޝަނުން ބަލަމުން އަންނަ ބޮޑެތި މައްސަލަތަކުގެ މޯޓިވް ދެނެގަނެވިފައި ވާކަމަށް ބުނެފައެވެ. އަދި ވަރަށް އަވަހަށް އެ މައްސަތަކުގެ މައުލޫމާތު ހާމަކުރާނެ ކަމަށާއި، ކޮމިޝަނަށް ގާނޫނީ ބާރު ލިބުމުން އެ މައްސަލަތައް ބެލުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ފަށާނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.