އަދުލު އިންސާފުގެ ބާރު ސުޕްރީމް ކޯޓުން ވެސް ހިންގަން ވާނީ އިންސާފުގެ މަގުން ކަަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ރިފްއަތު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގައި ވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ބަޔާންކޮށް ދީފައި ކަމަށާ، ގާނޫނު އަސާސީގައި ވާގޮތަށް ފަނޑިޔާރުން ޖަވާބު ދާރީކޮށް، ފާރަވެރި ވެގެން މެނުވީ އިންސާފު ގާއިމު ވެއްޖެ ކަމުގެ އިހުސާސެއް ނުކުރެވޭނެ ކަމަށެވެ.
ރިފްއަތު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އަމުރާ ގުޅިގެންނެވެ. މި އަމުރުގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް އެ ކޯޓުން ނިންމާ ކަމަށެވެ. ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެ ކޯޓުން ސަސްޕެންޝަން އުވާލުމަށް ކޮށްފައިވާ އަމުރަށް ޖޭއެސްސީ އިން އަމަލު ނުކުރުމަށް ނިންމުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ޖެއެސްސީ އިން ނިންމި ނިންމުމާ ގުޅޭގޮތުން ސުޕްރިމް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ޖޭއެސްސީ ގެ ނިންމުމާ މެދު ސުވާލު އުފެދޭ ނަމަ ޖޭއެސްސީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލު ކުރުމަކީ ގާނޫނުގައި ވާ ގޮތް ކަމަށާ އެގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާލުވެފައެވެ. އަދި ޖޭއެސްސީގެ ނިންމުން ރަނގަޅު ނޫން ކަމުގައި ވާނަމަ އެކަމާ ގުޅިގެން ޖޭއެސްސީއަށް ފިޔަވަޅު އަޅުމަކީ ރައްޔިތުންގެ މަޖިލިހުން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޖޭއެސްސީ އިން ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމަށް އޭޖީ ވަނީ ތާއިދު ކުރައްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން ބައެއް ސިޔާސީ ބޭފުޅުން ވަނީ ދައުލަތުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ފާޅުގައި މިފަދަ ކަމަކަށް ތާއިދު ނުކުރެއްވޭނެ ކަމަށް ބުނެފައެވެ.