ކިއުގާ ނުޖެހި ބޯހިޔާވަހިކަމަށް އެދެވޭނެ އޮންލައިން ޕޯޓަލެއް ހައުސިން މިނިސްޓްރިން ތައާރަފް ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ޕޯޓަލަކީ ސަރުކާރުން ހިންގާ ބޮހިޔާވަހިކަމުގެ މަޝްރޫއު ތަކުން ފުލެޓު ހޯދުމަށްޓަކާ، ކިއުގާ ނުޖެހި އިންޓަނެޓް މެދުވެރިކޮށް ފުލެޓަށް އެދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ "މަގޭ ހިޔާވަހި" ގެ ނަމުގައި ހުޅުވި އޮންލައިން ޕޯޓަލެއް ކަމަށެވެ.

މި އޮންލައިން ޕޯޓަލް ތައާރަފް ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކަމަށާ މިހާރު މި ޕޯޓަލުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުލުވާލައިފައި ވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިހާރު ހުޅުވާލައިފައިވާ އޮންލައިން ޕޯޓަލުގައި ހިމެނޭ ބައިތަކަކީ، ހިނގަމުންދާ ބޯހިޔާވަކި ކަމުގެ މަޝްރޫ ތަކުގެ މައުލޫމާތާއި، ބޯހިޔާވަހި ކަމަށް އެދޭ ފަރާތުގެ ވަނަވަރު އެނގޭނެ ބަޔަކާ އަދި ބޯހިޔާވަކި ކަމަށް އެދެނީ ހައުސިން މަޝްރޫ އެއްތޯ ނުވަތަ ސްކީމެއްތޯ ބަލައި ޗެކްކުރެވޭނެ ބައެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ޕޯޓަލުގައި ރަޖިސްޓްރީ ކުރުމަށް މަގޭ ހިޔާވަހި ހޯމް ޕޭޖުގެ ވެބްސައިޓަށް ލޮގިން ވާން ޖެހޭނެ ކަމަށާ، އެ ވެބްސައިޓަށް ލޮގިން ވެވޭނީ، އީފާސް ސިސްޓަމުގައި ލޮގިން ވުމަށް ބޭނުން ކުރާ ޔޫސާ ނޭމް އާއި ޕާސްވޯޑުން ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އީފާސް އެކައުންޓެއް ނެތްނަމަ މި ޕޯޓަލް ބޭނުމެއް ނުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕޯޓަލްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކު ވަނަވަރު ބަޔާން ކޮށްދިނުމަށް އޮންނަ ބައިގައި ޒާތީ މައުލޫމާތު، ވަޒީފާގެ މައުލޫމާތު، ކައިވެނީގެ މައުލޫމާތު، ގޯތިގެދޮރުގެ މައުލޫމާތު، ދަރިންނާ ބެލެނިވެރިކަމުގެ ދަށުގައިވާ ފާރާތްތަކުގެ އިތުރުން ލިޔެކިޔުންތައް ފުރިހަމަ ކުރަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން ސްކީމަށް އެދުމުގެ ފޯމު ހުށަހެޅުމުގައި، މި ޕޯޓަލުގައި ހިމެނޭ "ހައުސިން ސްކީމް" ޕޭޖަށް ފިއްތާލުމުން ހިޔާރު ކުރެވޭނެ ހައުސިން ސްކީމްތައް ޕޭޖުން ފެންނަން ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި އެދެން ބޭނުންވާ ހައުސިން ސްކީމަށް ފިއްތާލުމުން އެ ސްކީމުގައި ބައިވެރި ވެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި، "ފުލެޓަށް ކިއުގައި ޖެހެން ނުޖެހޭ ނިޒާމެއް ގާއިމް ކުރުން" ހިމެނެއެވެ.