ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިއުމުން އިންޒާރު ދީފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ، ހައުސިން ފުލެޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލާ ހިލާފަށް ކުއްޔަށް ދޫކުރާ މައްސަލަތަކާ ގުޅިގެން މިދިޔަ މެއި މަހު އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި މިފަދަ އިތުރު ދެ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ހިނގަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެފްޑީސީގެ ފްލެޓްތައް ކުއްޔަށްދޭ ވާހަކައަކީ، ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ވަރަށް ގަދައަށް ދެކެވެމުންދާ ވާހަކައެކެވެ. މިކަމާއި ގުޅިގެން އެފްޑީސީގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން މީގެ ކުރިން ވިދާޅުވެފައިވަނީ، އެފްޑީސީ އިން އިމާރާތްކޮށްފައިވާ ފްލެޓް އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ދިނުން، ނުވަތަ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެންގޮތަކަށް ބޭނުންކުރާނަމަ، ގަވާއިދުގައި ވާގޮތުން ފިޔަވަޅު އަޅާނެކަމަށެވެ.

ފްލެޓު ކުއްޔަށް ދޫކުރަން އިޝްތިހާރުކުރާ ޕޭޖުތަކުގައި މި ފްލެޓުތައް ކުއްޔަށް ދޫކުރަން ދޭތެރެއަކުން ޖަހަ އެވެ. މިދިޔަ ފެބްރުއަރީ މަހު ވަނީ އަމާން އުދަރެސްގެ ފްލެޓެއް، ބިދޭސީން ލޭބަ ކުއާޓާ ހަދަން ދިން މައްސާލައެއް ވެސް ފެންމަތިވެފަ އެވެ.

އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ ތަނުން އެ މީހުން ނެރެ، ފަހުން ފްލެޓު ލިބުނު އާއިލާ އެތަނުގައި ދިރިއުޅެން ފެށި ކަމަށް ކުރިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ މައުލޫމާތު ދީފައެވެ.

ފްލެޓް ލިބުނު ފަރާތް ނޫން އެހެންފަރާތަކުން ފްލެޓްތަކުގައި ދިރިއުޅުމަކީ މަނާ ކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް ފްލެޓް ދޫކުރާ އެއްބަސްވުމުގައި ހިމަނާފައި އޮވެއެވެ. މި މައްސަލައާ ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބު މީގެ ކުރިން ވަނީ ސޯޝަލް ސްކީމްތަކުން ދޭ ފުލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.