އުސްކޮށް ހަދާފައި ހުރި މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ކުޑަ ދެ ކުއްޖަކު ތިއްބާ ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަނީ ކުޑަ ދެކުދިންގެ ތެރެއިން އެންމެ ތުއްތުކޮށް ހުރި ކުއްޖާގެ އަތުގައި ހިފައިގެން ޓެރަސްއެއްހެން އެއްފަރާތެއްގައި ގަސް އިންދާފައި އޮތް ދިމާއަށް އަންހެނަކު ދާ މަންޒަރެވެ. ދެވަނަ ކުއްޖާ އެއް ފަރާތެއްގައި ހުންނައިރު އެ ކުއްޖާ ހުންނަނީ ފުރާޅުން ވެއްޓޭ ނުވެއްޓޭ ހިސާބު ކައިރީގައެވެ. އަންހެންމީހާ އަތުގައި ހިފަހައްޓައިގެން ހުރި ކުއްޖާ، ބަލާބެލުމުން ވާނީ ދޮޅު އަހަރެވެ. ދެން ހުރީ ގާތްގަނޑަކަށް ހަތަރު އަހަރަށް ދާ ވަރުގެ ކުއްޖެކެވެ.
އެ އަންހެން މީހާގެ އިތުރުން، އިތުރު ފިރިހެނަކުވެސް އެ ވީޑީއޯއިން ފެނެއެވެ. އެ އަންހެން މީހާ ހުންނަނީ އެތަނުން ކުއްޖެއްގެ އަތުގައި ހިފައިގެން ކަމުގައި ވިޔަސް އެތަނުގައި ރައްކާތެރިކަމުގެ އެއްވެސް އެއްޗެއް ބޭނުންކޮށްފައިވާތަން ނުފެނެއެވެ.
މި ވީޑިއޯ ޓްވިޓްކޮށްފައިވާ ފަރާތުން ބުނެފައިވަނީ، ފުރާޅުމަތީގައި ރައްކާތެރި ކަމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ބޭނުން ނުކޮށް ކުޑަ ދެކުދިން ފުރާޅުމަތީ ތިބި ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅެއް އެޅުމަށް އެދި އޭނާ ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވެއެވެ.
މި ޓްވީޓަށް ޖަވާބު ދެއްވަމުން ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މިހާރު އެ މައްސަލަ ބަލަމުން ދާ ކަމަށެވެ. އަދި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާތީ ޓްވީޓް ކުރި ފަރާތަށް ޕޮލިސް ކޮމިޝަނަރު ޝުކުރު އަދާ ކުރައްވާފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. މިހާރު މީހުން ފަރުވާ ކުޑަކަން ފެނިގެންދާ ކަމަށާއި މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ އުމުރުގެ ކުޑަ ކުދިންނަކީ އެއްވެސް ހިޔާލެއް ފިކުރެއް ނެތް ބަޔަކަށް ވީ ހިނދު ދުއްވައިގަތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެ އާންމުންގެ މީހަކު ކޮމެންޓް ކޮށްފައި ވެއެވެ.
މިފަހަކަށް އައިސް މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވަމުން ދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސައިކަލެއްގެ ވަށިގަނޑަށް ދޮޅު އަހަަރަށް ދާ ވަރުގެ ކުއްޖަކު ލައިގެން ދުއްވި މައްސަލައެއްވެސް ވަނީ މީގެ ކުރިން ފެންމަތިވެފައެވެ. މި މައްސަލަ ފުލުހުން ބެލުމަށް ފަހު އެ ސައިކަލު ދުއްވި ފުލުހުންގެ މީހާއަށް ވަނީ ފިޔަވަޅު ވެސް އަޅާފައެވެ.