ހއ. ދިއްދޫގައި މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތުގައި ކުޅުންތެރިންނާއި ސަޕޯޓަރުން ހަމަނުޖެހުން ހިންގައި ދިއްދޫ ފްޓްސަލް ދަނޑު ހަލާކުކޮށްލައިފިއެވެ.

ފުލުހުން ބުނީ، އެރަށު ކައުންސިލުން ކުރިއަށް ގެންދާ ކްލަބް ޖަމިއްޔާތަކުގެ ފުޓްސަލް މުބާރާތުގައި ރޭ 11:00 ގައި ކުޅުނު މެޗުގައި ދެ ޓީމްގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ދެ ޓީމްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ދަނޑުގެ މެޓްތަކާއި މުބާރާތަށް ގެނެސްފައިވާ ގޮނޑިތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

ރޭ އެ ރަށުގައި ހަމަނުޖެހުން ހިނގާފައި ވަނީ 11:00 ގައި ކުރިއަށް ދިޔަ މެޗުގެ ތެރެއިން ކަމަށާއި އެ މެޗުގައި ބައިވެރިވި ދެ ޓިމަކީ "ބްލެކް ޒިނޯ" އާއި "ވަން ތަޅާ" ޓިމް ކަމަށް ދިއްދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

ދިއްދޫ ފުޓްސަލް ދަނޑުގައި ހުރި ގޮނޑިތަކަށް ގެއްލުން ދީފައި / ފޮޓޯ: ޕޮލިސް

މި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ތަނުގެ މައްސަލަތައް ބަލާ ހަމަނުޖެހުން ކޮންޓްރޯލް ކޮށް ދެ ޓީމްގެ މެންބަރުންނާ ވާހަކަ ދައްކާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކައުންސިލާ ވާހަކަ ދައްކައިގެން އެ މެޗަށް ގޮތެއް ނިންމުމަށް އެދިފައިވާނެ ކަމަށާއި މި މައްސަލައާ ގުޅިގެން އިތުރު ހަމަނުޖެހުމެއް ހިނގުމަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި ދަނޑުގައި ސެކިއުރިޓީ ބެލެހެއްޓިފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.