ކްލެމެންސީ ބޯޑަށާއި، ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން މެންބަރުން ކަނޑައަޅައިފިއެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުގެމަތިން، ކްލެމެންސީ ބޯޑަށް އައްޔަން ކުރައްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އަދި މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުގެމަތިން ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ އައްޔަން ކުރައްވާފައެވެ.

ކްލެމެންސީ ބޯޑަށް މަޖިލީސް ތަމްސީލު ކުރާ ގޮތަށް ޝިފާއު އައްޔަން ކުރަން މިއަދު ވޯޓުގައި ބައިވެރިވި 81 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް މަޖިލިސް ތަމްސީލު ކުރާ ގޮތަށް ޖީހާން އައްޔަން ކުރަން މިއަދު ވޯޓުގައި ބައިވެރިވި 81 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ކްލެމެންސީ ބޯޑަށް ނަން ހުށަހެޅުމުގެ ބަހުސަށް 30 މިނެޓް ކަނޑައެޅި ނަމަވެސް އެއްވެސް މެންބަރަކު ބަހުސްގައި ބައިވެރިވެފައި ނުވެއެވެ. ނަމަވެސް ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ޖީހާންގެ ނަން ހުށަހެޅުމުން އިދިކޮޅު ބައެއް މެންބަރުން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.