ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ހއ. އިހަވަންދޫ ހަރުގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

ފުލުހުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ކޮޅިގަނޑުގައި ވައިގަދަވުމުގެ ސަބަބުން ހއ. އިހަވަންދޫ ކުނިގޮނޑު ސަރަހައްދުގައި ހުރި ހަރުގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި އެފުރާޅު ވަޔާއެކީ ގޮސް ކައިރީގައި ހުރި ލޯންޗެއްގެ މައްޗަށް ވެއްޓިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެ ރަށުގެ ހުސްގެވަޅެއްގައި ހުރި ބޮޑު ބަނބުކެޔޮ ގަހެއް ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:00 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިހަވަންދޫ ގައި ވެއްޓިފައިވާ ބަނބުކެޔޮ ގަސް / ފޮޓޯ: ޕޮލިސް

"ދަ. ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެރަށް ވައިގަދަވެ ވިއްސާރަކުރަމްުންދާ ކަމަށެވެ. ބަނބުކެޔޮ ގަސް ވެއްޓިފައި ވަނީ ހުސް ގެވަޅަކަށް ކަމަށްވެފައި އެ ހާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ނުވާކަމަށް އެނާ ވިދާޅުވިއެވެ. ކަނޑު ގަދަ ކަމުން މިއަދު ދަތުރުފަތުރު ނުކުރާ ކަން ފާހަގަކުރައްވަމުން ރަޝީދު ވިދާޅުވީ އެ ރަށުގެ ދޯނިތަކުގެ ސަތަރިތައް ވައިގަދަވުމުގެ ސަބަބުން ނެއްތިފައިވާކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށެވެ.

އުތުރުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ބުނެ މޫސުމާ ބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓެއްވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ، މިއަދުގެ ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ސަރަހައްދަށް އެވްރެޖްކޮށް ގަޑިއަކު 23 މޭލައި 29 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފައި ވެއެވެ.

ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ހދ. މަކުނޫދޫ ދެގެއެއްގެ ފުރާޅު ވަނީ އުކާލާފައެވެ. މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން، އެ ރަށު ސްކޫލުގެ ފާރު މައްޗަށާއި މަގުމައްޗަށް ވަނީ ބޮޑު ގަހެއްވެސް ވެއްޓިފައެވެ. އޭގެއިތުރުން މި މަހުގެ ހަތަަރުވަނަ ދުވަހު މާލެއަށް ވައިގަދަވެ ވިއްސާރަ ވުމުގެ ސަަބަބުން ބައި ދަނޑިޔަށް ވުރެ ތިރިއަށް ބޮޑު ދިދަ ވަނީ ވެއްޓިފައެވެ.

.