އެނބޫދޫ ފިނޮޅު ޑައިވިން ސްކޫލްގެ ފަރާތުން ޑައިވިން އަށް ދިޔަ، ފަތުރު ވެރިއެއްގެ ފައި، ދޯންޏެއްގެ ބުރަފަތީގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 10:35 ހާއިރު ދޯންޏެއްގެ ބުރަފަތީގައި ޖެހި ޒަހަމްވީ، ޕެރަޑައިސް ރިސޯޓް ކައިރީގައި އޮންނަ މަންޓާ ޕޮއިންޓަށް އެނބޫދޫ ޑައިވިން ސްކޫލުގެ ފަރާތުން ޑައިވިން އަށް ގޮސް އުޅުނު ފަތުރުވެރިއަކަށް ކަމަށެވެ. ޖަރުމަނުގެ ރައްޔިތެއްކަމަށްވާ މި ފަތުރުވެރިޔާގެ ފައި ޒަހަމްވީ، ޕެރަޑައިސް ރިސޯޓުގެ ދޯންޏެއްގައި ޖެހި ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާ ޕެރަޑައިސް ރިސޯޓަށް ގެންދިއުމަށްފަހު، އެ ރިސޯޓުގެ ފަރާތުން ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް މިހާރު ގެންގޮސް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ޑައިވިންއަށް ގޮސް އުޅޭ ފަތުރުވެރިންނަށް މަދުން ނަމަވެސް މިފަދަ ހާދިސާތައް ދިމާވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ މަހު ވެސް ޑިންގީ އެއްގައި ބޯޖެހި ބިދޭސީ އަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، ޑައިވިން އަށް ގޮސް އުޅެނިކޮށް މިދިޔަ ފެބްރުއަރީ މަހު ވެސް ފަތުރުވެރިއަކު ވަނީ މަރުވެފައެވެ.