3 ކިލޯ މަސްތުވާ ތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރު ކުރި މަންމަ އަކާ އޭނާގެ 25 އަހަރުގެ ދަރިފުޅުގެ ތެރެއިން މަންމަ ދޫކޮށްލައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ދޫކޮށްލި މީހާގެ އުމުރަކީ 52 އަހަރު ކަމަށެވެ.
ކޯޓު އަޑު އެހުމުގައި ފިރިހެން މީހާ ބުނެފައި ވަނީ މަސްތުވާތަކެތީގެ ކަންކަމުގައި އޭނާގެ މަންމަ ބައިވެރި ވެފައި ނުވާކަމަށާ އެމީހުން މަސްތުވާތަކެތި ބަހައްޓާފައި ހުރި ކޮޓަރީގައި ހުރީ އޭނާގެ އެއްޗިހި ކަމަށެވެ. އަދި އޭނާގެ މަންމަ އަށް މިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާނެ ކަމަށް އޭނާ އަޑު އެހުމުގައި ބުނި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިއަދު ބޭއްވި އަޑު އެހުމުގައި އޭނާއަށް ދެވަނަ ފުރުސަތެއް ދިނުމަށް އެދިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި 25 އަހަރުގެ ފިރިހެން މީހާއާއި 52 އަހަރުގެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޖޫން 4 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.
މި މީހުންގެ ތެރެއިން ފިރިހެން މީހާ ބަންދުގައި ބަހައްޓަން މުއްދަތު ދިނީ 3 ބުރަށް ހައްޔަރުކޮށް ގެނެވެ. ކުރީ ދެ ބުރު ހައްޔަރު ކުރަ އިރަށް ކޯޓުން އެދެ މީހުން ދޫކޮށްލިއެވެ. ފުރަތަމަ ފަހަރު ދޫކޮށްލީ، ކޯޓު އަމުރުގެ ފަހު ގަނޑުގައި ގާޒީގެ ނަން ނެތިގެންނެވެ. ނަމަވެސް ފުލުހުން ބުނީ ފުރަތަމަ ފަހަރު ދޫކޮށްލީ ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއާއި ތައްގަނޑު ނެތިގެން ކަމަށެވެ. އެ ދެމީހުން ދެވަނަ ފަހަރަށް ދޫކޮށްލީ މުއްދަތު އިތުރު ކުރަން ހުށަހެށި އައިއޯއާއި މައްސަލަ ބަލާ މީހާއާ ތަފާތު ވުމާއި، އެ ތަފާތުވުން އަންގައިދޭ ރަސްމީ ލިޔުން ފުލުހުންގެ ފަރާތުން ކޯޓަށް ހުށަ ނާޅާ ކަމަށް ބުނެއެވެ. ނަމަވެސް ފުލުހުން ބުނީ، އެ ދެވަނަ ފަހަރުވެސް އަމަލު ކުރީ އޭގެ ކުރިންވެސް އެބާވަތުގެ މައްސަލަތަކުގައި އަމަލު ކުރާ އުސޫލުން ކަމަށެވެ.
މި މައްސަލައިގައި ކޯޓާއި ފުލުހުންގެ ބަސް ދިމާ ނުވެ ދިގު ދެމިގެން ދިޔަ އިރު މިހާދިސާގައި ހިމެނޭ ދެމީހުންގެ ތެރެއިން އެކަކީ ޕީޖީ އޮފީހުގެ ވަކީލެއްގެ އާއިލާގެ މީހެއް ކަމަށް ވަނީ އެނގިފައެވެ. އަދި ދެވަނަ މީހާއަކީ ކްރިމިނަލް ކޯޓުގެ މީހަކާ އާއިލީ ގުޅުން އޮންނަ މީހެއް ކަންވެސް ވަނީ އެނގިފައެވެ. ނަމަވެސް މިވާހަކަ އެކޯޓުން ދޮގުކޮށް ބުނީ އެފަދަ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.