ޑްރަގް މައްސަލައިގައި ފުލުހުން ގޯހެއް ހަދާފައިވޭތޯ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ އިން 3 ކިލޯގެ މަސްތުވާތަކެއްޗާ އެއްކޮށް ހައްޔަރު ކުރި 25 އަހަރުގެ ފިރިހެނަކާއި، 52 އަހަރުގެ އަންހެން މީހާ ކޯޓުން ދޫކޮށްލުމަށް ފަހު، އަނެއްކާ ހައްޔަރު ކުރުމުން ވެސް ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ. ނަމަވެސް، އަނެއްކާ، ކޯޓު އަމުރެއްގެ ދަށުން ތިން ވަނަ ފަހަރަށް އެމީހުން ހައްޔަރު ކޮށްފައި ވަނިކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފަސްނުޖެހޭނެކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ފުރަތަމަ ފަހަރަށް އެމީހުން ދޫކޮށްލީ، އެމީހުން ހައްޔަރު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި ގާޒީގެ ނަން ނެތުމުގެ ސަބަބުން އިޖުރާއީ މައްސަލައެއްގެ ގޮތުގައި ނިންމުމަށް ފަހު ކަމަށެވެ. ދެވަނަ ފަހަރު އެމީހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ދޫކޮށްލީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 8 ވަނަ ނަންބަރުގައި ބުނާ ޝަރުތުތައް ކަމުގައިވާ، މައްސަލަ ބަލާ ފަރާތް ކޯޓަށް ހާޒިރު ވުމާއި، އޭނާއަށް ހާޒިރު ނުވެވޭ ހާލަތެއްގައި ނަމަ، އެ އިދާރާއެއްގެ ރަސްމީ ލިޔުމެއް ގެނައުމަށް ބުނެފައި އޮތް އޮތުން ފުލުހުން ފުރިހަމަ ކޮށްފައި ނެތުމުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ. ޑީޖޭއޭ އިން ބުނީ ކޯޓުތަކުން އަބަދުވެސް އިޖުރާއާތްތައް ފުރިހަމަ ވޭތޯ ބަލާނެ ކަމަށާއި މި މައްސަލައިގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާ މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގައި ވެސް އަމަލުކޮށްފައި ވަނީ މިވޭތުވެދިޔަ ދުވަސްތަކުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތަށް ކަމަށެވެ. ނަމަވެސް، މިއީ މީގެ ކުރިން ދުވަހަކުވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫން ކަމަށާއި މިއީ އިޖުރާއީ މައްސަލައެއް ކަމަށް އެއްވެސް މައްސަލައެއްގައި ކޯޓުން ފާހަގަ ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.