މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައި ވަނީ ލ. އަތޮޅުން ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ލ.އަތޮޅުން އެކަނި ގާތްގަނޑަކަށް 400 އަށްވުރެ ގިނަ ގެއަށް ފެން ވަދެގެން ރިޕޯޓު ކޮށްފައި ކަމަށެވެ. އެގޮތުން ލ. އަތޮޅުން އެންމެ ބޮޑަށް ފެންވަދެގެން ރިޕޯޓު ކޮށްފައި ވަނީ ލ. ފޮނަދޫއިން ކަމަށާ ފޮނަދޫއިން އެކަނިވެސް 300 އެއްހާ ގެއަށް ފެން ވަދެގެން ރިޕޯޓު ކޮށްފައި ވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ރާއްޖެއަށް ކުރަމުން ދާ މޫސުމީ ވިއްސާރައިގައި ލިބިފައިވާ ގެއްލުންތައް ބަޔާންކޮށް އެ އިދާރާއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވާ ގޮތުން މިމަހުގެ 3 ވަނަ ދުވަހު ގއ. މާމެންދޫ އަށް އެރި ކޮޅިގަނޑަކުން 3 ގެއެއްގެ ފުރާޅަށް ގެއްލުން ލިބި އެތަނުން 1 ގޭގެ ފުރާޅު ވަނީ އެއްކޮށް އެއްލާލައިފައެވެ. އަދި އެ ގޭގައި ދިރިއުޅެމުން ދިޔަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކާ އޭނާގެ ތިމާގެ މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެންޑީއެމްސީ އިން ބުނީ އިއްޔެ އުތުރުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހދ. އަތޮޅުގެ ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުން 6 ގެއަކަށް ދިރި ނޫޅެވޭ ވަރަށް ފެން ވަނުމުގެ ސަބަބުން އެގެ ތަކުގެ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައި ވާކަމަށެވެ.
އަދި މީގެ އިތުރުން ތ. އަތޮޅަށާއި ހުވަދު އަތޮޅު އަދި އައްޑޫ ސިޓީގެ ބައެއް ގެތަކަށްވެސް ވާރޭ ވެހުމުގެ ސަބަބުން ފެން ވަދެގެން ރިޕޯޓު ކޮށްފައި ވާކަމަށް އެ އިދާރާއިން ބުނެއެވެ.
އެންޑީއެމްއޭ އިން ބުނީ މިހާރު ކުރެވެމުން ދަނީ، ގެއްލުން ލިބުނު ގެތައް އާންމު ހާލަތަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތް ކަމަށާއި މިކަމުގައި ފުލުހުންނާ އެމްއެންޑީއެފަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން އެންޑީއެމްއޭ އިން ވަނީ ކުރިޔަށް އޮތް 3 ދުވަހަށް ރާއްޖޭގެ އެކި ހިސާބަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އަށް ލަފާކުރެވޭތީ، ފެންބޮޑުވެ ގޭގެއަށް ފެން ވަނުމުގެ ހާދިސާއެއް ހިނގައިފާނެ ކަމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ. އަދި މޫސުން ގޯސް ވުމުގެ ސަބަބުން ހިނގައިފާނެ ހާދިސާ އަކަށް ރައްޔިތުން ރައްކާތެރި ވެގެން ތިބުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.