އިއްޔެ މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން މާލޭގައި ހުންނަ ގައުމީ ބޮޑު ދިދަ ވެއްޓިއްޖެއެވެ.

މަންޒަރު ފެނުނު ފަރާތަކުން ބުނީ ބޮޑު ދިދަ ވަނީ ވައިޖެހުމުގެ ސަބަބުން ބައި ދަނޑިޔަށް ވުރެ ތިރިއަށް ވެއްޓިފައި ކަމަށެވެ. ބޮޑު ދިދަ ވެއްޓުންތާ ގިނަ އިރުތަކެއް ނުވެ ދިދަ ވަނީ ނަގާފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން އިއްޔެ ވަނީ މާލެއާއި އަތޮޅުތައް ހިމެނޭ ގޮތުން 9 އަތޮޅަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓެއް ނެރެފައެވެ. މެޓް އޮފީހުން ބުނީ އިއްޔެ މާލެ އަތޮޅަށް ގަޑިޔަކު 45 މޭލު ބާރު މިނުގައި ވައި ޖެހިފައި ވާކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމަޔަށް ވައިޓް އެލާޓެއް ނެރެފައެވެ. މެޓް އޮފީހުން ބުނީ މިއަދު ބ. އަތޮޅާ މ. އަތޮޅާ ދެމެދުގެ ސަރަހައްދު ތަކަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެކަމަށެެވެ. އަދި އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެ ކަަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑު ދަތުރެއް ފެށުމުގެ ކުރިން އެ އިދާރާއަށް ގުޅާ މޫސުމާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ފަހު ފުރުމަށް އިލްތިމާސް ކުރާކަމަށް މެޓް އޮފީހުން ބުނެއެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ބޮޑެތި ގަސްތައް ވެއްޓުމާއި، ގޭގޭ ފުރާޅު ވަޔާ އެއްލާލުމާއި އަދި ފެން ބޮޑުވެ ގޭގެ އަށް ފެންވަނުން ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ.