ޔަމަނުގެ ވެރިރަށް ސަންއާގެ ބާޒާރުމަތީ ފިހާރައެކެވެ. ފިހާރަ ތެރޭގައި ފުނި ފުންޏަށް ޖަހާފައި ހުރި ހެދުންތައް އަތްފުނާ އަޅަމުންދިޔައިރު، ފަވާޒް ފައްރާހުގެ އަންހެނުން އަސްމާއާއި 6 ދަރިން ތިބީ ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ފައްރާހު ހުއްޓާލިއެވެ. އަދި ސޭޓާ ދިމާލަށް ބަލާލުމަށްފަހު، އެއިން އެއްވެސް ހެދުމެއް ގަނެވޭ ވަރަށް އޭނާގެ އަތުގައި ފައިސާއެއް ނެތްކަމަށް ބުނެ، އޭނާގެ އާއިލާ ގޮވައިގެން ފިހާރައިން ނިކުމެގެން ހިނގައިގަތެވެ.
"އެއް ދަރިއަކު ބޭނުންވީ ކުޅޭ އެއްޗެއް. އަނެއް ދަރިފުޅު ރޮނީ. އެދަރިފުޅުގެ ސުވާލަކަށްވީ އަހަރެން އެއްވެސް އެއްޗެއް ގަނެ ނުދިނީ ކީއްވެތޯ" އުމުރުން 35 އަހަރުގެ ފައްރާހު ކިޔައިދިނެވެ.
މިއީ ފައްރާހުގެ ހަޔާތުގައިވެސް އޭނާއަށް ތަޖުރިބާ ކުރަންޖެހުނު އެންމެ ހިތްދަތި ޢީދެވެ. މިއީ އޭނާގެ އަނބިދަރިންނަށް އާ އަންނައުނު ހޯދާ ނުދެވުނު ފުރަތަމަ ޢީދެވެ.
ފާއިތުވެދިޔަ 9 ވަރަކަށް އަހަރަށް ބަލާއިރު ފައްރާހަކީ އާދައިގެ ވަރަކަށް ތަނަވަސް ދިރިއުޅެމެއް އުޅެމުންދިޔަ ޒުވާނެކެވެ. އޭރު އޭނާ މަސައްކަތްކުރަމުންދިޔައީ ސައުދީ އަރަބިއްޔާގެ ޕާކެއްގެ ގާޑެއްގެ ގޮތުގައެވެ. ލިބޭހާ ފައިސާއެއް، ޔަމަނުގައި ތިބި އަނބިދަރިންނަށް ފޮނުވަމުންދިޔައިރު، ޢީދުގެ މުނާސަބަތާ ދިމާކޮށް އަގުބޮޑެތި ހެދުންތައް ގަނެދެވުނެވެ.
2015 ވަނަ އަހަރު ޔަމަނު ހަނގުރާމަ ފެށުމާ ހަމައަށް، އެ ގައުމުގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ފައްރާހުގެ އާއިލާއިންވެސް އުޅެމުން އައި ތަނަވަސް ދިރިއުޅުމެކެވެ. އާބާދީގެ ބޮލަކަށް ޖެހޭ އާމްދަނީ ދުވާލެއްގެ މައްޗަށް ބަހާލުމުން 4.50 ޑޮލަރު އޭރު ޖެހުނުއިރު، މިހާރު މިއަދަދު ވަނީ އެންމެ 1.80 ޑޮލަރަށް ދަށަށް ގޮސްފައެވެ.
2015 ވަނަ އަހަރުގެ މާޗްމަސްވީ ޔަމަނުގެ އެތައް ސަތޭކަ ހާސް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ތާރީހަކަށެވެ. އެއީ ޔަމަނުގެ ސަރުކާރު ވައްޓާލުމަށް ހަރަކާތްތެރިވަމުންދިޔަ ހޫތީން ކޮންޓްރޯލްކޮށް ބަލިކުރުމުގެ ނަމުގައި، ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ބައިނަލްއަގުވާމީ ފެންވަރުގެ އަސްކަރީ ކޯލިޝަނެއް ހަދައިގެން ޔަމަނަށް ހަމަލާދޭން ފެށި ދުވަސްވަރެވެ.
"ދާހިލީ" ހަނގުރާމައަށް 4 އަހަރުވީއިރުވެސް ފެންނަނީ ސުލްހައިގެ ކޮޅުމައްޗެވެ. އެ މަންޒިލާ ގާތްވެވޭ ގޮތް އަދި ވެފައި ނުވާއިރު، 1440 ވަނަ އަހަރުގެ ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބާއާއި ޔަމަނުގެ އެތައް ހާސް ރައްޔިތުންނެއް ކުރިމަތިލާފައި މިވަނީ ހިތްދަތިކަމާ ކެކުޅުމުގެ ތެރޭގައެވެ.
މިއަދު ޔަމަނަކީ އަރަބި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ އެންމެ ފަގީރު ގައުމަށްވެއްޖެއެވެ. ބަނޑަށްޖެހި މަރުވާ މީހުންގެ އަދަދު އިންތިހާއެވެ.
މާލީ ގޮތުން ކިރިޔާވެސް ތަނަވަސްކަމެއް ހުރި މީހަކު ނަމަ އެއަށްވުރެ ފަގީރު އާއިލާތަކާ އަތުގުޅާލައިގެން މިއަދު ޔަމަނު އޮތީ ދުނިޔެއަށް މިސާލެއްގެ ގޮތުގައެވެ. މީގެ ކުރިން ލަވަކިޔާ އަޑުގަދަކޮށް އުފާފާޅުކުރަމުންދިޔަ މީހުން މިއަދު ތިބީ ދުނިޔެއަށް ނޭވާލެވެމުންދާތީ އެކަމާ ޝުކުރުވެރިވާ ހާލު، ދެރަ، ނިކަމެތިންގެ އަތުގައި ހިފާލައިގެންނެވެ.
ސައުދީ އަރަބިއްޔާގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށް އަނބުރާ ޔަމަނަށް ޑީޕޯޓްކޮށްލީ މިދިޔަ ރަމަޟާން މަހުއެވެ. އެއީ ދެމީހަކާއެކު ސިޔާސީ ވާހަކަތަކެއްގައި ބައިވެރިވުމުގެ ސަބަބުންނެވެ.
ފައްރާހު ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް ފާޑުކިޔައިގެންނެވެ. އާޚިރު ނަތީޖާއަކަށްވީ ވިސާ ނުލިބި، ސައުދީއިން ޑީޕޯޓްކޮށްލުމެވެ.
މިއަދު ފައްރާހު ދިރިއުޅެމުންދަނީ އޭނާގެ 6 ދަރިންނާ، ބަނޑަށް 9 މަހުގެ އަނބިމީހާއާއިއެކު ސަންއާގެ ގަދީމީ ސިޓީއެއްގައެވެ. މިއަދު ފައްރާހުގެ ނަން ލިސްޓު ކުރެވެނީ ޔަމަނުގައި ވަޒީފާ ނެތް މީހުންގެ ތެރޭގައެވެ. ޔަމަނުގެ އާބާދީއަށް ބަލާއިރު %60 މީހުންގެ ތެރޭގައެވެ.
ސަންއާގެ ބާޒާރުން ނިކުމެގެން އައިއިރު ފައްރާހުއަށް ގަނެވޭ ވަރުވީ ބަޔަކު ކުރިން ބޭނުންކޮށްފައިވާހުރި ބައެއް ތަކެއްޗެވެ. އާ އެއްޗަކަށް ގަނެވުނީ ޑިސްކައުންޓްއާއިއެކު ސޭލްގައި ހުރި އެއްޗެކެވެ. ޖުމުލަ ގޮތެއްގައި ފައްރާހުއަށް ގަނެވުނީ އޭނާގެ 2 ފިރިހެން ދަރިންނަށެވެ. ނަމަވެސް، ބާކީ ތިބި 4 ދަރިންނަށްވެސް އީދު ހަދިޔާ ދޭނެ ކަމަށް ފައްރާހު ވައުދުވިއެވެ.
ބައެއް އާއިލާތަކުން، ހުރިހާ މެމްބަރުންނަށް އީދު ހަދިޔާ ހޯދަމުން ދަނީ ދުރާލާ ރާވައިގެން މަދު އެކިކޮޅު ކޮޅުން ގަންނަމުންނެވެ.
ކަންމިހެން އޮތްއިރު، އީދާ ދިމާކޮށް ވިޔަފާރިވެރިން ނާޖާއިޒު ފައިދާ ނަގާ މައްސަލަ ޔަމަނުގައިވެސް ވަނީ ފެންމަތިވެފައެވެ. ފިހާރައިގެ ބޭރުގައި ސޭލްގެ އިސްތިހާރު ޖަހާފައި ހުރިނަމަވެސް އަތްފޯރާ ފަށުގައި އެއްޗެއް ނެތެވެ. ސަލާމްގެ އާއިލާއަށްވީ މިވަރެވެ. އަވަށްޓެރިންގެ ދަރިން ލައިގެން ތިބި ރީތި ހެދުންތައް ފެނި އޭނާގެ ދަރިވެރިން އެތަކެތި ބޭނުންވިއެވެ. އެހެންކަމުން ދަރިންކޮޅު ގޮވައިގެން ފިހާރަތަކަށް ވަންނަމުންދިޔަ ސަލާމަށްވެސް ގަނެވޭ އަގެއްގައި ހުރި އެއްޗެއް ލައްވައެއް ނުލިއެވެ.
އީދުގެ އުފަލާ މަޖަލާ ސަކަރާތުގައި މީގެ ކުރިން ހިނިތުންވެލައިގެން ތިބި އެތައް ކުދިންނެއްގެ މޫނުމަތި ތެމުންދަނީ ލޮލުން ފައިބަމުންދާ ކަރުނައިގެ ތިކިތަކުންނެވެ. އެތައް ދުވަހެއް ވަންދެން އީދަށް ކުރި އުއްމީދު ފެންނަށްވީ ބޯމަތީގައި އޮތް ހަނގުރާމައިގެ ވިލާގަނޑުން ހަލާކުކޮށްލި ހިތްތަކުގެ މައުސޫމު ލޯތަކުން ފޫދެމުންދިޔަ ކަރުނައިގެ ތިކިތަކުންނެވެ.