އަންނަ އަންގާރަ ދުވަހު އީދު ނަމާދު ކުރުމަށް މާފަންނު ސްޓޭޑިއަމް ކައިރިން ބޮޑު ސަރަހައްދެއް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އީދު ނަމާދަށް ބަންދު ކުރަން ހަމަޖެހިފައިވަނީ އަމީނީ މަގުގެ ހިލާލީ ހިނގުމާ އަމީނީ މަގާ އިންވި ހިސާބުން ފެށިގެން، ގިޔާސުއްދީން ސްކޫލާ ހަމައަށް ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ އަމީނީ މަގާ އިންވެގެން ހުރި އެހެނިހެން މަގުތަކުން ވެސް ބައެއް ބަންދުކޮށްފައިވާ ކަމަށެވެ. އެގޮތުން ހިލާލީ މަގާ، ހިލާލީ ހިނގުމާ، ކޯރުކެނޑި މަގު ހިމެނޭ ގޮތަށް ބައެއް މަގުތައް ވަނީ ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

އީދު ނަމާދަށް ދާ ފިރިހެނުން ނަމާދުކުރުމަށް ހަމަޖެހިފައިވަނީ، މާފަންނު ސްޓޭޑިއަމްގައި އޮންނަ ބޮޑު ދެ ޓާފް ދަނޑުގައެވެ. އަދި އަންހެނުން ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައި ކަމަށް ފުލުލުހުން ބުނެއެވެ.

އީދު ނަމާދަށް ދާ ފަރާތަތަކުން ސައިކަލު ޕާކް ކުރުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގެ ބާސްކެޓް ބޯޅަ ކޯޓާ ދިމާލުން ހަތަރު ސަރަހައްދެއްގައި ކަމަށް ފުލުހުން ބުނެއެވެ. ކަލަންޑަރުގައި ވާ ގޮތުން މި އަހަރުގެ ފިތްރު އީދު ދުވަހަށް ވަނީ އަންނަ އަންގާރަ ދުވަހެވެ. ވޭތުވެ ދިޔަ އަހަރުތަކެކޭވެސް އެއްގޮތަށް ބޮޑު ޖަމާއަތުގައި މިއަހަރު އީދު ނަމާދުކުރުން ހަމަޖެހިފައިވަނީ ސްޓޭޑިއަމްގައެވެ. މީގެ އިތުރުން މާަލޭގެ 24 މިސްކިތެއްގައި އީޑު ނަމާދު ކުރާނެއެވެ.