ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މައްސަލަތަކާ މެދު މެންބަރުން ބަހުސް ކުރާ ވަގުތު 4 ގަޑިއިރަށް ބަދަލު ކުރުމަށް ކޮމެޓީއިން ނިންމައިފިއެވެ.

މިހާރު އެކުލަވާލައިފައިވާ އާ ގަވައިދުގައި ވާ ގޮތުން މަޖިލީހުގައި ކޮންމެ މެންބަރަކު ބަހުސް ކުރުމަށް ފަހުވެސް ގަޑިއެއްހާއިރު ބާކީވާނެއެވެ. މި އެއް ގަޑިއިރު ހަމަޖައްސާފައި ވަނީ ޕާޓީ ތަކުން ބަހުސް ކުރުމަށެވެ. އަދި މެންބަރަކު ބްހުސް ކުރުމުގެ ފުރުސަތު ދޫކޮށްލަން ބޭނުންވެއްޖެ ހިނދެއްގާ އެ ޕާޓީއަށް ނިސްބަތްވާ އެހެން މެންބަރުންނަށްވެސް މި ފުރުސަތުގެ ބޭނުން ހިފޭނެއެވެ.

މީގެ ކުރީގައި އޮންނަ އުސޫލުން ނަމަ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު ދެވޭނީ އެ ކޮންމެ ޕާޓީއަކަށް ވަކިވަކިންނެވެ. ކޮންމެ ޕާޓީއަކަށްވެސް ވަގުތު ދެނީ އެ ޕާޓީއެއްގެ އަޣުލަބިއްޔަތަށް ބެލުމަށް ފަހުގައެވެ. އެގޮތުން މެންބަރުން ގިނަ ޕާޓީތަކަށް ގިނަ ވަގުތު އަދި މެންބަރުން މަދުން ހިމެނޭ ޕާޓީތަކަށް މަދު ވަގުތެވެ. އަދި އަމިއްލަ މެންބަރުންނަށްވެސް ވަގުތުދޭ ވަކި ވަރެއް ކަނޑައަޅާފައިވެއެވެ. ކުރިން މަޖިލީހުގެ ބަހުސް ކުރުމުގެ ވަގުތަކީ 3 ގަޑިއިރެވެ.

މަޖިލިސް ހިންގާ އާ ގަވައިދެއް ހެދުމަށް އިއްޔެ ވަނީ 11 މެންބަރުން އެކުލެވޭ ކޮމެޓީއެއް އުފައްދާފައެވެ.