މިރޭ މާލޭގައި ސައިކަލް ދުއްވަމުން ދިޔަ އަންހެނެއްގެ ސައިކަލް ކުރިމައްޗަށް އެރި ކުޑަަ ކުއްޖަކު ގައިން ނައްޓާލަން އުޅުމުން، ފިހާރައެއްގެ ބިއްލޫރި ދޮރުފަޅާލާ އެތެރެއަށް ވަދެ ލޭ ފެނިގެން އަންހެން މީހާ ހޭނެތިއްޖެއެވެ.

ފުލުހުން ބުނީ މިރޭ ބޮޑު ރަސްގެފާނުގެ މަގުގެ އިރުން ހުޅަނގަށް އަންހެނަކު ކުޑަ ކުއްޖެއް ގޮވައިގެން ސައިކަލް ދުއްވާފައިދަނިކޮށް، މަގުމަތިން ދިޔަ ކުޑަކުއްޖެއް ސައިކަލް ކުރިމައްޗަށް އެރުމުން، އެ ކުއްޖާ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައި ކައިރީގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހި ތަޅައިގެން ގޮސް ފިހާރަ ތެރެއަށް ވަދެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓުކޮށްފައިވަނީ މިރޭ 8:35 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާ ހޭނެތިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހާއަށް އިތުުރު އަނިޔާއެއް ނުވާ ކަމަށެވެ. އަދި އެ އަންހެން މީހާ ހޭނެތުނީ ލޭފެނިގެން ކަމަށެވެ.

އަންހެން މީހާ ދުއްވަން އިން ސައިކަލް ފަހަތުގައި އިން 10 އަހަރުގެ އަންހެން ކުއްޖާގެ އަތް ކަފައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ 34 އަހަރުގެ މީހެކެވެ. އަދި އޭނާ އަތުގައި ލައިސަންސް ނެތް ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.