ރައްޔިތުންގެ މަޖިލިސް ކުރާ ގެއަކީ ރައްޔިތުން ބޭނުން ވާފަދަ އިންސާފުވެރި ނަޒާހަތްތެރި ތަނަކަށް ވެގެން ދާނެކަމަށް މަޖިލީހުގެ އާ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ހުވާކުރި މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވާފައި ވާއިރު، ނަޝީދު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް އިސްވެރިން އަދި ބައެއް ފަރާތްތަކުން މަރުހަބާ ދެންނެވުމާއި ގުޅިގެން ޝުކުރު އަދާ ކުރައްވަމުންނެވެ.

ނަޝީދު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅާ ވާގިފުޅާއެކު ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަކީ ރައްޔިތުން އުއްމީދު ކުރާފަދަ އިންސާފުވެރި، ނަޒާހަތްތެރި، ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކުރާ، ރައްޔިތުންގެ އެންމެ މަތީގެއަަށް ވެގެންދާނެ ކަމަށެވެ.

މިހާތަނަށް މަޖިލީހުގެ ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެގޮތުން ރޭ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމާއި 19 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުމަށް ޖަލްސާ ވަނީ ބާއްވާފައެވެ. އަދި މިއަދު އާ މަޖިލީހުގެ މަސައްކަތްތައް ފަށާފައިވާ އިރު، މިއަދު ވަނީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ކޮމިޓީއެއް އައްޔަން ކޮށްފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެންބަރު އައްޔަންކުރުމަށް މަޖިލީހުގައި ބަހުސްކޮށް ވޯޓު ނަގާފައިވެއެވެ.