30 ދުވަހުގެ ތެރޭގައި މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދުގެ ބަދަލުގައި، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފާސްކުރި ގަވާއިދަށް އަމަލުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނަައުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި 30 ދުވަހުގެ ތެރޭހައި ގަވާއިދު އިސްލާހުކޮށް ފާސްކުރުމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. މި ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ޝަރީފް ހުށަހެޅުއްވާފައިވަނީ ގާނޫނު އަސާސީގެ 88 ވަނަ މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި މަޖިލީހުން އަަމަލުކުރާނީ މާޗް 2، 2010 ގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަވާއިދަށް ކަމުގައި މަޖިލީހުން ކަނޑައަޅާ އެ ގަވާއިދު އިސްލާހު ކުރުމަށްޓަކައި ވަގުތީ ކޮމިޓީއެއް އެކުލަވާލާ 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީން ގަވާއިދު މުޅިން އިސްލާހުކޮށް ފާސްކުރުމަށް ތަޅުމަށް ހުށަހެޅުމަށާއި، އަދި 30 ދުވަހުގެ ކުރިން ވެސް ދުވަހުން ދުވަހަށް ގެންނަން ފެންނަ ބަދަލުތައް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްކުރުމަށެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މިއާއެކު 11 މެންބަރުންގެ ވަގުތީ ކޮމިޓީއެއް ވެސް ވަނީ މިކަމަށް ނަގާފައެވެ.
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމިޓީގެ މެންބަރުން؛
- މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
- ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު
- ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު
- ވިލިނިފލި ދާއިރާގެ މެންބަރު ސައުދު ހުސައިން
- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
- މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
- ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ
11 މެންބަރުންގެ ކޮމިޓީ ހޮވަން ނެގި ވޯޓުގައި މަޖިލީހުގެ ވޯޓުގައި ބައިވެރިވި 79 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ކޮމިޓީ އެކުލަވާލަން ފާސްކޮށްފައެވެ.