19 ވަނަ ރައްޔިތުންގެ މަޖިލީހުހެ މެންބަރުން ކުރައްވާ އެންމެހާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ވަރަށް ގިނަ ފޮނި އުއްމީދައެކުގައި އިންތިހާބުކޮށްފައިވާ މަޖިލީހެއް ކަމަށާއި، ޝައްކެއްތެ ނެތް ގޮތުގައި މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ރައްޔިތުންނަށް ހެވާ ލާބަ ހޯދައިދެއްވާ އެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރެއްވުމަށް ކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މެންބަރުން މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ވަނީ ރައްޔިތުންނަށް އެތައް ވައުދެއްވެ ވަޑައިގެންފައި ކަމަށާއި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ވައުދު ފުއްދުމަށްޓަކައި، ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ ހިދުމަތް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އެހީތެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"ރާއްޖޭގެ ގާނޫނު އަސާސީ ހިނގަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމްގެ ތެރެއިން. މި މަޖިލީހުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އާއި ޖުމްހޫރީ ޕާޓީއާއި ޕީޕަލްސް ޕްރޮގްރަސިވް ޕާޓީ އާއި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް އާއި އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރަސް ތަމްސީލްވޭ. މި އެންމެހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވެރިންނަށް މަރުހަބާ ދަންނަވަން އަދި ޔަގީންކޮށް އަރުވަން ތިބޭފުޅުންގެ ފިކުރާއި ތިބޭފުޅުންގެ ޕާޓީ ތަމްސީލްކޮށްދިނުމުގައި އިރާދަކުރެއްވީއާ މަަޖިލީހުގެ އިދާރާވެސް ތަޅުމުގައި ވެސް ގާނޫނާއި ގަވައިދުން ތަންދޭ އެންމެ ފުޅާ މިނެއްގައި ތިބޭފުޅުންނަށް މަސައްކަތް ހިންގޭނެ"
ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަމިއްލަ ގޮތުން ހޮވިވަޑައިިގެންނެވި މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުންނަށް މަޖިލީހުގެ ތަޅުމުގައި ހަމަހަމަަ ފުރުސަތުތައް ލިބިވަޑައިގަންނަވާނެ ގޮތަށް މަޖިލިސް ގަވާއިދުން އެ ފުރުސަތުތައް ފޯރުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހެދުމަށާއި ޝަރުއީ ނިޒާމް އިސްލާހުކޮށް، އިންސާފުވެރި މަޖިލީހަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.