މާރާމާރިއެއް ހިނގުމަށް ފަހު ހަތަރު ލައްކައެއްހާ ރުފިޔާ ފޭރިގެންފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ހުށަހަޅާފައިވަނީ މިރޭ 12:05 ހާއިރު ކަމަށެވެ. ހުޅުމާލޭގައި ހުންނަ ސިޓީއޮންލައިން އޭޝިއާ ކައިރިން ދެ ސައިކަލެއްގައި ހެލްމެޓް އަޅައިގެން އައި ހަތަރު މީހަކު މާލެއިން ހުޅުމާލެއަށް ސައިކަލެއްގައި އައި މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000 ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ހުޅުމާލެއިން އައި މީހާގެ ހެލްމެޓުގައި އެއްޗަކުން ޖަހާ ވައްޓާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހާ އިން ސައިކަލުގެ މަޑި ހަލާކުކޮށްލާ މަޑި ދަށް ހުޅުވުމަށްފަހު ފައިސާތައް ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހެއް ހައްޔަރެއް ނުކުރެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހެލްމެޓް އަޅައިގެން ފޭރުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ އާންމުވެފައެވެ. އެގޮތުން މިދިޔަ މަހު ފަރީދީ މަގު ފަތަހަ ސުންބުލި ފިހާރަ ކައިރިން ފިހާރައެއްގެ ސޭލްސް ނިންމުމަށްފަހު ސައިކަލެއްގައި ގެންދިޔަ ދެލައްކައަށް ވުރެ ގިނަ ފައިސާ ހެލްމެޓް އަޅައިގެން ހުރި ދެމީހަކު ވަނީ ފޭރިގެންފައެވެ. މީގެ އިތުރުން މިދިޔަ މާޗް މަހު ހެންވޭރު ލަންސިމޫގޯޅި ތެރެއިން ވަޅިން ބިރު ދެއްކުމަށްފަހު ބިދޭސީއެއްގެ އަތުން ބައިލައްކައެއްހާ ރުފިޔާ ފޭރިގެންފައިވެއެވެ. އަދި ބޮޑުތަކުރުފާނު މަގުން މިފްކޯގެ ވެހިކަލެއްގައި އެކުންފުނީގެ ހެޑް އޮފީހުން ފެލިވަރަށް ގެންދިޔަ ދެ މިލިއަން ރުފިޔަވެސް ވަނީ ފޭރިގެންފައެވެ.