ތައްޓެއްގައި ހުރި ދިޔާ އެއްޗެއް އަތުގައި އޮތް ސިރިންޖްގެ ތެރެއަށް ޒިދާނު ދަމާލީ އެނދުގައި އޮވެ ދެއަތަށް ފުރޮޅެމުން ދިޔަ ލީޒާގެ މޫނަށް ބަލާލަމުންނެވެ. ވަޅުވަދެ ރަތްވެފައިވާ ދެލޯ ވަނީ ދުޅަވެފައެވެ. މިއިން ދުވަހަކު އޭނާ ހަމައަށް ނިދާފައި ނުވާ ކަހަލައެވެ. ހިކިގެން ފަޅަފަޅައިގެން ގޮސްފައިވާ ތުންފަތުގައި އެއްވެސް ތެތްކަމެއް ނެތެވެ. ހަންގަނޑާއި އިސްތަށިގަނޑު ވެސް ވަނީ ހިކި ކުރަކިވެފައެވެ. ކުރިން ރީތިކޮށް ހުރި ލީޒާގެ ހަށިގަނޑުވެސް ވަނީ ހިކިގެންގޮސް އަނަރޫފަވެފައެވެ. މުޅި މީހާގެ ސިފަވަނީ އެއްކޮށް ބަދަލުވެފައެވެ.

ހޭވިފައިވާ އިސްތަށިގަނޑުގައި ލީޒާގެ ދެއަތުން ހިފާ ބާރުކޮށްލީ އޭނާގެ ބޮލަށް ވަމުން ދިޔަ ތޫނު ތަދުން ސަލާމަތް ވުމަށެވެ. ސިރިންޖުގައި ފުއްޓައްކެއް ޖަހާލުމަށްފަހު ލީޒާގެ އަތުގައި ވާންކޮށް އެއްޗެއް އައްސާލަމުން މުށް ބާރުކޮށްލަން ޒިދާނު އެދުނެވެ. އަތުގެ މުށް ބާރުކޮށްލަމުން ޒިދާނުގެ މޫނަށް ލީޒާ ބަލާލިއިރު އޭނާ އޮތީ އޭނާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކުން ސަލާމަތްވާން ބޭނުންވެފައެވެ. އެސްފިޔަތަކަށް ބަރުވެ ހަށިގަނޑުގައި ވަރެއް ނެތްކަން އެ މޫނުމަތިން ފާޅުވާން ހުއްޓެވެ. ލީޒާގެ ދެލޯ މަރާ ބާރުކޮށްލީ ޒިދާނުގެ އަތުގައި އޮތް ސިރިންޖުގެ ކަށި އޭނާގެ އަތުގެ މަސްގަނޑުގެ ތެރެއަށް ކޮށްޕާލުމުންނެވެ. ޗޫސް ދަމާލަމުން ލީޒާ ނޭވާ ހިފަހައްޓާލީ ދެލޯ ތަގުޅިކޮށްލަމުންނެވެ.

ނިތްކުރި މައްޗަށް އަތް އަރުވައިގެން ލީޒާ މަޑުން އޮންނަން މަސައްކަތް ކުރިއެވެ. އޭނާގެ ހަށިގަނޑަށް ފޮނުވާލި ތަކެތީގެ އަސަރު އޭގެ ފަނަރަ ވަރަކަށް މިނެޓް ފަހުން ކުރަން ފަށައިފިއެވެ. ދެލޯ ހުޅުވާ ސީލިންގާ ދިމާއަށް ބަލާލި ލީޒާއަށް އިވެމުން ދިޔައީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ކަހަލަ އަޑެކެވެ. ފަންކާގެ ފިޔަތައް އެނބުރެމުން ދިޔައިރު އޭނާއަށް އެމަންޒަރު ފެންނަމުން ދިޔައީ ފުސްގޮތަކަށެވެ. ކުއްލިއަކަށް ކަމެއް ހަނދާން ވެގެން ލީޒާ އޮތް ތަނުން ތެދުވީ އަވަސްއަރުވާލާފައެވެ. ތެދުވެ ސިންގަލް އެނދެއް ބަހައްޓާފައި ހުރި ކުޑަ ކޮޓަރި ތެރެއަށް އޭނާ ނަޒަރު ހިންގާލަމުން ދޫ ހަރަކާތްކޮށްލިއެވެ. އޭނާގެ އަނގައިން އަޑެއް ބޭރު ނުވި ނަމަވެސް ތުންފަތް ހަރަކާތްކޮށްލި ގޮތުން އޭނާ އެ ގޮވާލީ މަންމާ އޭ ކިޔާފައިކަން ބަލަން ހުރި މީހަކަށް ރަނގަޅަށް އިނގޭނެއެވެ.

ތެދުވެ ކުރިއަށް ލީޒާ ފިޔަވަޅެއް އަޅާލުމާއެކީ ޒިދާނު ވާހަކަ ދައްކަން ފެށީ ލީޒާއާ މުހާތަބްކޮށެވެ. ޖަވާބެއް ނުދީ ލީޒާ ހުރީ އެ ވާހަކަތައް އޭނާގެ ކަންފަތަށް ނީވޭތީއެވެ. އޭނާ އެނދުމަތިން ތެދުވެ ވަށައިގެން ހޯދާލިއެވެ. އޭނާއަށް އެކޮޓަރި ތެރެއިން އިތުރު މީހަކު ނުފެންނަ ކަހަލައެވެ. ވަށައިގެން ބަލަމުން އޭނާ މިސްރާބު ޖެހީ އެ ކޮޓަރިން ބޭރަށް ނުކުންނާށެވެ.

އެނދުކައިރީ ތަޅުންމަތީގައި އިން ޒިދާނު ކުރިމަތީ ހުރި ކުޑަ މޭޒާ ގާތްވެލަމުން ލީޒާ ދިޔަ ދިމާއަށް ބަލާލީ އޭނާގެ ތުންފަތަށް ވެރިވި ވިހި ހިނިތުންވުން ފޮރުވަމުންނެވެ. މޭޒުމަތީ ހުރި ހުދު ކުނޑިތައް އެއްވަރު ކުރަން ގެންގުޅު އޭނާގެ ލައިސެންސް ކާޑުގެ އެހީގައި ހިމަ ރޮނގަކަށް އެ ކުޑިތައް އަތުރާލާ އެއްވަރުކޮށްލިއެވެ. އޮޅާލާފައިވާ އޮތް ކަރުދާސް ކޮޅު ނޭފަތުގެ އެއް ހޮޔަށް ހެޔޮވަރުކޮށްލަމުން އަނެއް ހޮއެ އެއް އިނގިލީގެ އެހީގައި ފިއްތާ ބާރުކޮށްލަމުން ގުދުވެ މޭޒުމަތީގައި ދަމާފައިވާ ހުދު ކުނޑިތައް އޭނާގެ ނޯށުން އެތެރެއަށް ދަމާލީ ދެލޯ މަރާލަމުންނެވެ. އޮޅާލާފައިވާ ކަރުދާސްކޮޅު އަތުން ދޫކޮށްލުމަށްފަހު ޒިދާނު ނޭފަތް ދަމާލަމުން ނޭފަތުގައި އަތް ހާކާލީ އެ ކޮޓރިތެރޭ އެކި ދިމަދިމާލުގައި ބިއްޖެހިފައި ތިބި މީހުންނާ ދިމާއަށް ބަލާލަމުންނެވެ. އޭރު ސިޓިންގް ރޫމް ތެރޭގައި ހުރެ އޭނާގެ މަންމައަށް ގޮވަމުން ދިޔަ ލީޒާގެ އަޑު ޖެހުމުން ޒިދާނު ދެލޯ މާރާ ބާރުކޮށްލިއެވެ. މިހާރު އޭނާ އެހުރީ ހަމައިގައި ނޫންކަން ޒިދާނުއަށް އެނގުނެވެ.

ބޭރު ސޯފާ މަތީ ކެނޑިފައި ތިބި މީހުން ލީޒާއަށް ނުފެންނަ ކަހަލައެވެ. މުޅި ގޭތެރެ ހޯދާ ބެލުމަށްފަހު ލީޒާ އައިސް ފާހާނާއަށް ވަނީ އޭނާގެ ބޮލުގައި ތޫނު ތަދެއް އަށަގަންނަން ފެށުމުންނެވެ. ފެންމާގަނޑު ދޫކޮށްލަމުން އޭނާ ތަޅުންމައްޗަށް ތިރިވިއެވެ. މާގަނޑުން އޮހެމުން ދިޔަ ފެންތަކުގެ ދަށުގައި އިން ލީޒާގެ މޫނު މައްޗަށް ވެއްޓެމުން ދިޔަ ކުރު އިސްތަށިތައް އޭނާގެ ލޮލަށް ވަންނަމުން ދިޔައިރުވެސް އެއިން އޭނާއަށް އެއްވެސް އުނދަގުލެއް ނުވާ ކަހަލައެވެ. ފާރުގައި ލަށްވެ ދެލޯ މަރާލި ވަގުތު އޭނާގެ ހަނދާނަށް އައީ މީގެ ދެމަސްކުރީގެ ހަނދާނެކެވެ.

ލީޒާއަށް ހޭލެވުނީ ވިދާލި ވިދުވަރަކާއި އެކު ޖެހިބާރު ގުގުރިއެއްގެ އަޑަށެވެ. އޭރު އޮއްގާ ތަކެއް ފުރާޅުމައްޗަށް އަޅާހެން ވިއްސާރައިގެ އަޑު ބާރަށް އިވިއިވި ހުއްޓެވެ. ހުޅުވާފައި ހުރި ކުޑަދޮރުން ކޮޓަރިތެރެއަށް ޖެހެމުން ދިޔަ ފިނި ވަޔާއެކު ކޮންމެވެސް ވަރަކަށް ވާރޭގެ ތިކިތައް ވިއްސަމުން ދިޔައެވެ. ކުއްލިއަކަށް ލީޒާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފުންމައިގެން ތެދުވެ އެނދުގައި އަތް ހާކާލި ގޮތަށް ދުވެފައި ފާހާނާއާ ދިމާއަށް އޭނާ ދިޔައީ މަންމައަށް ގޮވަމުންނެވެ. ފާހާނާގައި މަންމަ ނެތުމުން ލީޒާގެ ހިއްސުތައް އެލާޓަށް އަތުވެއްޖެއެވެ.

ދުވެފައި ކޮޓަރިން ނުކުމެ މުޅި ގޭތެރެވެސް އޭނާ ހޯދާ ބެލިއެވެ. ގެއިން ނުކުމެ ފަޔަށް ލެވުނު ބާރެއްލާ ލީޒާ ދުއްވައިގަތީ ވެހެމުންދިޔަ ބޯ ވާރޭގަނޑަށް ބެލުމެއް ނެތިއެވެ. އޭނާގެ މަންމަ ދާނީ ކޮން ދިމާއަކަށް ކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އެއީ އޭނާގެ މަންމަ ގެއްލު ފުރަތަމަ ފަހަރެއް ނޫނެވެ. ތުނޑީކޮޅަށް އެންމެ އަވަހަށް ނުކުމެވެން އޮންނާނީ ވަލުތެރެއިން ކަމަށްވާތީ ގަސްތަކުގެ ތެރެއިން ލީޒާ ދުއްވައިގަތީ ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުވުމަށް އެދި ދުއާ ކުރަމުން ދެލޯ މަރާލެވުނު ވަގުތު ލީޒާއަށް ހީވީ އޭނާގެ ހަށިގަނޑުގައިވާ ހުރިހާ ނޭވާއެއް އެއްފަހަރާ ހުސްވިހެންނެވެ. ވަރަށް ބާރަށް ގަސްތަކުގެ ތެރެއިން ނުކުތް ފިރިހެނެއްގެ ގައިގާ ޖެހި ދެމީހުން އެއްކޮށް ވެއްޓުނީ ގަހެއްގެ މޫގަނޑު މައްޗަށެވެ.

ވީތަދުން ލީޒާއަށް ލޯ ހުޅުވާލެވުނީ އޭނާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް މީހަކު ޖެހުމުންނެވެ. ދެ ލޯ ހުޅުވާލި އިރު ލީޒާއަށް މި އިނދެވުނީ މާގަނޑުގެ ދަށުގައެވެ. އޭރު މީހާ ވަނީ ފިނި ވެގެން ގޮސް ގަނޑުފެންގަނޑަކަށް ވެފައެވެ. ހީކަރުވާފައި އިން ވަރުން އަމިއްލައަށް ތެދުވާނެހާ ވަރުވެސް އޭނާގެ ގަޔަކު ނެތެވެ. ލީޒާ އެއިންތަނުން ނަގައިގެން ގޮސް އެނދުގައި ބޭއްވުމަށްފަހު ގައިމަތީގައި ބްލޭންކެޓް އަޅާލަމުން ލީޒާގެ މަގަތުގައި ޒިދާނު އޮށޯތެވެ. އެސްފިޔަތަކަށް ބަރުވެފައިވާ ލީޒާގެ ދެލޯ މެރިގެން ދިޔައިރު ވެސް އޭނާ ދިޔައީ މެދުނުކެނޑި އޭނާގެ މަންމައަށް ގޮވަމުންނެވެ.

ލީޒާގެ މަންމަ ގެއްލުނު ހާދިސާ ހިނގާފައި ވަނީ މީގެ ދެމަސް ދުވަސް ކުރިން މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުން ދިޔަ ރެޔެއްގައެވެ. ލީޒާއަށް ހޭލެވުނު އިރު މަންމަ ގޭގައި ނެތްކަން އެނގުމުން އޭނާ ތެމިފޯވެގެން ދިޔައީ މަންމަ ހޯދަން ތުނޑިއާ ދިމާއަށެވެ. އަތިރިމައްޗަށް ނުކުމެވުނު އިރު އާންމުކޮށް އޭނާގެ މަންމަ އިންނަ ގާ މަތީގައި މަންމަ ފެންނާކަށް ނެތެވެ. އެވަގުތު ލީޒާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. ފުލުހުންނަށް އަންގަން ދާން އެނބުރިލި ވަގުތު މަޑު އެއްޗެއްގެ މައްޗަށް އެރި އަރިއަޅާލައިގެން ގޮސް މޫދު ތެރެއަށް އޭނާ ވެއްޓުނެވެ. ރާޅާ ތަޅަމުން އެއްގަމަށް ލައްވެފައި އޮތް ރީޝާގެ ހަށިގަނޑު ލީޒާއަށް ފެނުނީ އެވަގުތެވެ.

ރަށު ހޮސްޕިޓަލަށް ރީޝާ ގެންދެވުނު އިރު އެހިސާބަށް ވަނީ މަދުން ނަމަވެސް މިހުން އެއްވެފައެވެ. ޖެހޭ ބާރު ވައިރޯޅިގެ ސަބަބުން ހީކަރުވައިގަނެ ދެއަތް އުނގުޅަން ހުރި ލީޒާއަށް ޑޮކްޓަރު ނުކުމެ ދިނީ ގަބޫލުކުރަން ދަތިވި ހަބަރެކެވެ. ގިނަ އަދަދެއްގެ ލޮނު ބޮވުމުގެ ސަބަބުން ރީޝާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ބުންޏެވެ. އެހިސާބުން އޭނާގެ މަންމަ މަރުވީ އޭނާގެ ފަރުވާ ކުޑަކަމުން ކަމަށް ބުނެ އިސްތަށިގަނޑުގައި ދެއަތުން ހިފާ ލީޒާ ހާވަމުން ދިޔައެވެ. ރަށުގެ ގިނަ މީހުން ކެތްތެރިވުމަށް އެދި ހިތްވަރުދީ އޭނާއަށް ނަސޭހަތްދެމުން ދިޔައެވެ.

ލީޒާގެ އާއިލާގައި މާގިނަ ބަޔަކު ރަށުގައި ނެތަސް މާލޭގައި ދިރިއުޅޭ އެންމެން ކަހަލަ ގޮތަކަށް ރަށަށް ދިޔައެވެ. ޖަނާޒާގެ ކަންތައް ނިންމުމަށްފަހު އެމީހުން ބޭނުންވީ ލީޒާ ގޮވައިގެން މާލެ ދާށެވެ. ނަމަވެސް އޭނާ ގޮތެއް ދުލެއް ނުކުރިއެވެ. އޭނާ ބޭނުންވީ ރަށުގައި މަޑުކުރާށެވެ. ލީޒާގެ ބޮޑުބޭބެ މާލެ ދިއުމުގެ ކުރިން އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ދިނީ އޭނާ އެކަނި ރަށުގައި މަޑުކުރާތީއެވެ. އަދި އިތުރަށް އެއްޗެއް ބޭނުންވެއްޖެ ނަމަ އެއްވެސް ޖެހިލުމެއް ނެތި ބޮޑުބޭބެ ގާތު ބުނުމަށް އެދިފައި އެ އާއިލާ މީހުން ފުރީ ލީޒާ އެކަނި ރަށުގައި ބަހައްޓާފައެވެ.

ބޮޑުބޭބެމެން ދިއުމުން ލީޒާ އެކަނިވެރިވިއެވެ. އެކަނި ހުންނަން ޖެހުމުން މަންމަ މަތިން ހަނދާންވެ ރޮވޭ ވަގުތުތައް އިތުރުވިއެވެ. އެ އެކަނިވެރި ހަޔާތަށް އާ ދިރުމެއް ގެނެސްދިނީ އެރަށު ޒުވާނެއް ކަމަށްވާ ޒިދާނުއާ ދިމާވި ފަހުންނެވެ. ލީޒާއަށް ހީވީ އޭނާގެ އަތުގައި ނަސީބު ހިފިހެންނެވެ. އެންމެ ހިނދުކޮޅަކަށް ވެސް ޒިދާނު ލީޒާ އެކަނިވެރި ވިޔަކަ ނުދެއެވެ. ލީޒާއާ އެކު ހުރިހާ ވަގުތެއް އޭނާ ހޭދަކުރަމުން ދިޔައެވެ. ޒިދާނުގެ ރަހްމަތްތެރިން ވެސް އެގައަށް އައިސް ވަގުތުތައް ހޭދަކުރަން ފެށުމުގެ ތެރޭގައި އެންމެންނަށް ވެސް ލީޒާ ކުރާ ހިތާމައިން ސަލާތްކުރަން ބޭނުންވިއެވެ. ބޯ ހަމަޖައްސާލަން އެންމެން މޮޅެތި ހިޔާލުތައް އެމީހުން ދެމުން ދިޔައެވެ. ރަނގަޅަށް ނުނިދާ ނުކައި ނުބޮއެ އުޅެމުން ދިޔަ ލީޒާ ވެސް ބޭނުންވީ އެ އުނދަގޫތަކުން މިންޖުވާށެވެ. މަންމައާ ވަކިވެގެން ދިޔަ ހިސާބުން އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ކަންތައްތައް ހަނދާން ނައްތާލާށެވެ. އެ ކަންތައް ހަނދާން ނައްތާލަން އެންމެ ފަސޭހަ މަގު އެ ރައްޓެހިން ދައްކައިދިން ނަމަވެސް ލީޒާއަށް އެ ދުވަހު ފުންމާލެވުނީ ކިހާވަރެއްގެ އަނދަވަޅަކަށް ކަން އޭނާއަކަށް ނޭނގެއެވެ.

ގުޑުގުޑާގެ ނޮޅި ދަމާ އަޑާއި އެކި މީހުންގެ ހުނުމުގެ އަޑާ އެކު ޖަހާފައިވާ މިއުޒިކްގެ ގަދަ އަޑު އެތަނުގައި ގުގުމަމުން ދިޔައެވެ. މުޅި ކޮޓަރިތެރެ ވަނީ ދުމުން ފުރިފައެވެ. ޖަހާފައިވާ އަވަސް ލަވައާ އެއްވަރަށް އެންމެން ހަރަކާތްކޮށް ނަށަމުން ދިޔައެވެ. ނަމަވެސް ލީޒާއަކަށް އެއިން ކަމަކާ މާ ގަޔާވެ ހުރެވޭ ގޮތެއް ނުވިއެވެ.

އެ ހަފްތާތެރޭ ލީޒާގެ މަންމަގެ އަލަމާރި ސާފުކުރަން އޭނާ އުޅުމުގެ ތެރޭގައި ފެނުނު އެއްޗެއްގެ ސަބަބުން އޭނާގެ ބޮލުގައި އެ ހުންނަނީ ރިއްސާފައެވެ. އޭގެތެރޭގައި ހުރި ސާމާނުތައް ހުސްކުރަން އުޅުނީ ޒިދާނު އެގެއަށް ބަދަލުވާ ކަހަލަ ވާހަކައެއް ދެއްކުމުންނެވެ. އަލަމާރި ސާފު ކުރިއިރު ޕްލާސްޓިކް އުރައަކަށް ލާފައި އޮތް އެއްޗެއް ފެނުނެވެ. އެއީ އެރަށު ހޮސްޕިޓަލުން ދީފައިވާ ކޮތަޅެކެވެ. އެ ކޮތަޅު ދިން ފަހުން އަދި ބަލާ ނުލައި ބޭއްވުނު މަތިން އޭނާ ހަނދާންވިއެވެ. އޭނާގެ މަންމަ މަރުވި އިރު ލައިގެން ހުރި ހެދުމާއި ސާމަނުތައް ޕެކްކޮށްފައި އެ ކޮތަޅަށް އަޅާފައި ހުރިތަން ފެނުމުން ލީޒާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މަންމަ އެ ދުވަހު ލައިގެން ހުރި ހެދުން ބަލާލުމުގެ ބޭނުމުގައި ލީޒާ އެ އުރަ ހާވާލަމުން އެ ހެދުމުން ވަސް ބަލާލިއެވެ. އެ ހެދުން ނަގާ ނިއުޅުވާލި ވަގުތު އޭގެތެރެއިން އެއްޗެއް ތަޅުންމައްޗަށް ވެއްޓުމުން އޭނާ ސިހުންވެ ތިރިއަށް ބަލާލިއެވެ.

(ނުނިމޭ)

ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!