ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ހ. ހީނާގަސްދޮށުގެ އަހުމަދު ސަލީމް (ބޮޑު ހީނާ) ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަނު ކުރައްވައިފިއެވެ.

ސަލީމް މި މަގާމަށް އައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ރައީސް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

އަހުމަދު ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން ސަލީމް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައެވެ.

ސަލީމް ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާޞިލްކުރައްވާފައެވެ.