ހުޅުމާލޭގެ އިރުމަތީފަރާތު ބީޗާއި ހޭޅިފަށުގައި ވިޔަފާރިކުރަން ވަގުތީ ހުއްދަ ދިނުމުގައި ވަކި ބަޔަކަށް މަންފާ ލިބޭނެ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން އެބަހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ ހުޅުމާލޭގެ އިރުމަތީ ބީޗާއި ހޭޅިފަށް ވިޔަފާރިއުސޫލަށް އެކި ފަރާތްތަކުން ބޭނުން ކުރާތީ ހުށަހެޅުނު ޝަކުވާ ބެލުމަށްފަހުގައެވެ. އެސީސީން މި މައްސަލަ ބެލުމަށްފަހު ބުނެފައިވަނީ އެގޮތަށް އެތަނުގައި ވިޔަފާރި ނުހިންގޭނެ ކަމަށެވެ.

އޭސީސީން ބުނީ އެއްވެސް އުސޫލެއް ނެތި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި ބޭނުމަށް ބޭނުން ކުރަމުންދާ ކަމަށާއި، އަދި އެސަރަހައްދުގައި ހުރި ބައެއް ގެސްޓްހައުސްތަކުން ކުރިމަތީގައި އޮތް ހުސްބިން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީގެން ފައިދާ ނަގަމުން ދާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްވެސް ފިޔަވަޅެއް ނާޅާ، އެފަރާތްތަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް އަމަލުކުރަމުން ދާކަމަށް ބުނާ މައްސަލަ ބެލުމަށް ފަހު އެޗްޑީސީއަށް ބައެއް ކަންކަން މިހާރު އަންގާފައި ވާނެ ކަމަށެވެ.

އޭސީސީން ބުނީ ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ހިމެނޭ ސަރަހައްދުގައި އެއްވެސް އިމާރާތެއް ހަދައި އަދި ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރަމުން ދާނަމަ، ޖެނުއަރީ މަހުގެ ނިޔަލަށް އެ ސަރަހައްދު ހުސްކުރުމަށް އެންގުމުން، ބައެއް ފަރާތްތަކުން އެ އެންގުމަށް އަމަލުކުރި ކަމާއި، އަދި އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކްޝަން ޕްލޭނެއް ހަދާފައި ވަނިކޮށް، އެ ފަރާތްތަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އަދި މި އެންގުމާ އެއްގޮތަށް އަމަލުކުރި ފަރާތްތަކަށް ވަގުތީ ހުއްދައެއް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ޒިންމާދާރު ގޮތެއްގައި ނިންމާފައިވާ ނިންމުމެއް ނޫންކަމާއި އޭގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ގޮތުގައި މަންފާ ނެގުމަށް ފުރުސަތު ލިބިގެންދާކަމަށް ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ ބީޗް ސަރަހައްދު ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެޗްޑީސީން ބަލާނެ ޝަރުތުތަކުގެ ގޮތުގައި 6 ކަމެއް ހިމަނާފައި ވާއިރު މިހާރު ވެސް ގިނަތަންތަން ބޭނުން ކުރަމުން ގެންދަނީ އެޗްޑީސީން ކަނޑައަޅާފައިވާ ޝަރުތުތަކާ ހިލާފަށްކަން ފާހަގަ ކުރެވޭއިރު އެކަންތަކާ ގުޅޭގޮތުން އެކަށީގެންވާ ފަދަ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށް އޭސީސީން ބުނެއެވެ.

އަދި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައި ވިޔަފާރި ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް އެ ކޯޕަރޭޝަނުން ދީފައި ނުވާ އިރު، އެ ކޯޕަރޭޝަނުގެ ހުއްދައާއި ނުލައި ބައެއް ފަރާތްތަކުން ބޭނުން ކުރަމުން ދާކަން އެ ކޯޕަރޭޝަނަށް ފާހަގަ ވެފައިވާ އިރު، އެކަމާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް އޭސީސީން ބެލި މައްސަލައިގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެޗްޑީސީން ނިންމާފައިވަނީ، އެ ކޯޕަރޭޝަނުން ގާއިމްކުރާ ފެނުގެ ވިއުގަ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށެންދެން އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދިނުމަށްކަމަށް ވާއިރު، އެ ފެނުގަ ވިއުގަ ގާއިމްކުރަނީ ކޮން ތާރީހަކު ކަމެއް އެނގޭކަށް ނެތް. އަދި އެކަން ފެށުމަށް ނަގާނެ މުއްދަތެއް ވެސް އެނގޭކަށް ނެތް.
އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ވަނީ މިކަންކަމަށް ރިއާޔަތް ކޮށް ބައެއް ކަންކަން ފާހަގަކޮށް އެޗްޑީސީއަށް އަންގާފައެވެ. އެގޮތުން ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުން ކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމުން އެތަން އާންމުކޮށް ބޭނުންކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެން ވާކަމާއި، އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗްޑީސީން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައި ދިނުން ކަމަށް ބެލެވިދާނެކަމާއި މިއީ ކޮރަޕްޝަނަށް މަގުފަހި ވާކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ހުޅުމާލެ އިރުމަތީފަރާތު ގެސްޓްހައުސްތަކާއި ބީޗް ކެފެޓޭރިއާތައް / ފޮޓޯ: އެފްބީ

އަދި އަލުން ހުއްދަ ދިނުމުގައި ވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައިވިޔަސް އެއްވެސް ކުށްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ އަދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫންކަމާއި، އަދި ކުށްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުށްޔަށް ދިނުމަށާއި، އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އާންމުކޮށް އިއުލާނުކޮށްގެން އެކަންކުރުމަށް އެޗްޑީސީއަށް އޭސީސީން ވަނީ އަންގާފައެވެ.

މީގެ އިތުރުން ހުޅުމާލޭ ބީޗް ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް ހުއްދަދޭނަމަ، އެކަމަށް ހަރުދަނާ އުސޫލެއް އެކުލަވާލައި އެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީއަށް ވަނީ އަންގާފައެވެ. އަދި އެފަދަ އުސޫލު އެކުލަވާލާއިރު، ބީޗް ސަރަހައްދަކީ އާންމުން ބޭނުންކުރާ ތަނެއްކަމަށް ދެކި، އާންމުންނަށްވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނޭގޮތަށް އުސޫލު އެކުލަވާލުމަށް ވެސް އެޗްޑީސީއަށް ވަނީ އަންގާފައެވެ.

ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު އާންމުކޮށް ބޭނުންކުރަމުންދަނީ އެ ސަރަހައްދުގެ ގެސްޓް ހައުސްތަކުން ރެސްޓޯރަންޓް ވިޔަފާރިކުރުމަށް ކަން އެނގޭ ކަމަށާއި، ނަމަވެސް ކޮމިޝަނަށް ލިބިފައިވާ ބައެއް ޝަކުވާ ތަކުގައި ބައެއް ގެސްޓްހައުސްތަކުން އެ ގެސްޓްހައުސްއެއްގެ ކުރިމަތީގައިވާ ބީޗް ސަރަހައްދު ގެސްޓްހައުސްގެ ވެރިފަރާތް ނޫން އެހެން އަމިއްލަ ފަރާތަކަށް ކުށްޔަށްދީގެން ނަފާ ހޯދާކަމަށް ތުހުމަތުކޮށްފައިވާތީ، މިކަމަކީ ގާނޫނީގޮތުން ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ނުވާތީ، މިކަންވެސް ބަލައި ފިޔަވަޅު އެޅުމަށް އަންގާފައިވާނެ .
ހުޅުމާލެ ބީޗާއި ހޭޅީފަށް ބޭނުންކުރާ މައްސަލައިގައި އޭސީސީން އެޗްޑީސީއަށް ވަނީ އަންގާފައެވެ.

އަދި އެ ސަރަހައްދު ވަގުތީ ގޮތުން ކުށްޔަށް ދޭ ދިނުމެއް ކަމަށް ވީނަމަވެސް، މައްސަލައިގައި މިހާތަނަށް ކަންތައް ވެފައިވާގޮތަށް ބަލާއިރު، އަދިވެސް ބައެއް ފަރާތްތަކުން އެޗްޑީސީ އިން އެންމެފަހުން އަމަލުކުރަން ނިންމި އުސޫލުތަކަށް އަދިވެސް ބޯނުލަނބާކަން ފާހަގަކޮށްފައިވާއިރު، އެ ކޯޕަރޭޝަނުން މިކަމަށް އެކަށީގެންވާފަދަ ފިޔަވަޅުތަކެއް އަލާފައިވާކަމަށް ފާހަގަކުރެވިފައެއްނުވާކަމަށް އޭސީސީން ބުނެއެވެ.

އަދި ވަކި ބަޔަކު އެންގުމަށް ބޯނުލެނބުމުން، އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ތުހުމަތުކުރެވިދާނެކަމެއްކަމާއި، މިއީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއްކަމަށްވާތީ، މިކަން ސީރިއަސް މައްސަލައެއްގޮތުގައި ދެކި، ކަނޑައެޅިފައިވާ ފިޔަވަޅުތައް އެ ފަރާތްތަކާމެދު އެޅުމަށް އެޗްޑީސީއަށް އޭސީސީން ވަނީ އަންގާފައެވެ.