ބޭނުންވާނެ ތަކެތި

  • 900 ގ ބޯންލެސް ޗިކަން (ކިއުބް ކޮށް ކޮށާފައި)
  • 1 ސައިސަމްސާ ލޮނު
  • 1 ސައިސަމްސާ ވައިޓް ޕެޕާ
  • 1 ޖޯޑު ކޯންސްޓާޗް
  • 3 ޖޯޑު ފުށް
  • 1 ބިސް
  • 2 މޭޒުމަތީ ސަމްސާ ތެޔޮ

އޮރެންޖް ސޯސް

  • 1 މޭޒުމަތީ ސަމްސާ ތެޔޮ
  • ½ މޭޒުމަތީ ސަމްސާ ހިކި މިރުސް (ރާޅުކޮށް މުގުރާފައި)
  • ½ މޭޒުމަތީ ސަމްސާ ޖިންޖާ ޕޭސްޓު
  • 1 މޭޒުމަތީ ސަމްސާ ލޮނުމެދު
  • ¼ ޖޯޑު ހަކުރު
  • ¼ ޖޯޑު ބްރައުން ސުގާ
  • ¼ ޖޯޑު އޮރެންޖް ދިޔަ
  • ¼ ޖޯޑު ވިނިގާ
  • 2 ސަމްސާ ސޯޔާ ސޯސް
  • 2 ސަމްސާ ފެން
  • 2 ސަމްސާ ކޯންސްޓާޗް

ތައްޔާރު ކުރާނެ ގޮތް

ކޮށާފައި ހުރި ކުކުޅު ކޮޅު ތަށްޓަކަށް އަޅާށެވެ. އެއަށް ފަހު އެހެން ތަށްޓަކަށް ލޮނު، ވައިޓް ޕެޕާ، ކޯންސްޓާޗް، އަދި ފުށް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ފެން އަޅާ ގިރާލާށެވެ. ރަނގަޅަށް ގިރާލެވުމުން ބިހާއި ތެޔޮ އެޅުމަށް ފަހު ގިރާލައި ކޮށާފައި ހުރި ކުކުޅު ކޮޅު އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ތަށީގެ މަތީގައި ފޮއިލް އަޅައި 30 މިނެޓު ވަންދެއް ކުކުޅުކޮޅު ބަހައްޓާށެވެ. ދެން ކުކުޅު ކޮޅުކޮޅު ވަކިން މަޑު މުށި ކުލަ އަރަންދެއް ތެލުލާށެވެ.

އޮރެންޖް ސޯސް ތައްޔާރު ކުރުމަށް 1 މޭޒުމަތީ ސަމްސާ ތެޔޮ ތަވަޔަކަށް އަޅާ ހޫނުކޮށްލާށެވެ. އެއަށްފަހު މުގުރި މިރުސް ކޮޅު ތަވަޔަށް އަޅާ ތެޔޮ ކޮޅާ އެއްކޮށްލާށެވެ. ދެން ލޮނުމެދުކޮޅާ ޖިންޖާ ޕޭސްޓު ކޮޅު އަޅާ ރަނގަޅަށް އެއްކޮށްލުމަށް ފަހު ހަކުރު ކޮޅު އަޅާށެވެ. އެއަށް ފަހު ބްރައުން ޝުގާ އަޅާ ރަނގަޅަށް މެލްޓު ވުމުން އޮރެންޖު ދިޔަ، ވިނިގާ އަދި ސޯޔާ ސޯސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ވަކިން ޖޯޑަކަށް ފެންކޮޅާ ކޯންސްޓާޗް އެޅުމަށް ފަހު ރަނގަޅަށް އެއްވަންދެއް ގިރާލާށެވެ. ދެން ސޯސް ކޮޅުގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު 1 މިނެޓު ކައްކާލުމަށްފަހު ކުކުޅު ކޮޅު އަޅާ އެއްކޮށްލާށެވެ.

އޭރުން އެހުރީ އޮރެންޖު ޗިކަން ތައްޔާރު ވެފައެވެ. ބާސްމަތީ ރައިސް، އަދި ރޮށި ނުވަތަ ޕާނާއި ޖައްސައިގެން ކާލަންވެސް އޮރެންޖް ޗިކަން މީރުވާނެއެވެ.