އަނބަކީ ދިވެހީންގެ ތެރޭގައި ވެސް އެންމެ އާންމު އެއް މޭވާގެ ބާވަތެވެ. އެއާއެކު އަޅުގަނޑުމެންގެ ތެރޭގައި އަނބުން ތައްޔާރު ކުރާ އެކި ބާވަތުގެ ކާނާ ވަރަށް އާންމެވެ. އެގޮތުން ދޮން އަނބު ފަންޏާއި ހުތް އަނބު ފަނި، މެންގޯ ސާގޯ، އަނބު އައިސްކްރީމް، އަނބު މަޖާ، އަދި ދާދި ފަހުން އެންމެ ބޮޑަށް ޓްރެންޑްވި ތެޅި އަނބު ވެސް ހިމެނެއެވެ.

އަދި ހަމަ ދޮން އަނބު ގައި ރިހަ ކެއްކުމަކީ ވެސް ދިވެހީންނަށް އާ ކެއުމަކަށް ނުވާއިރު މިއަދު "ދަ ޕްރެސް" ބަދިގެ ސެގްމެންޓުގައި ގެނެސްދޭން މިއުޅެނީ ވަރަށް މީރުކޮށް ދޮން އަނބުގައި ރިހަ ކައްކާނެ ގޮތެވެ. މި ރިހައިގައި ކުޅި އަދި މަޑު ފޮނި ރަހައެއް ދޭނެއެވެ. އަދި މިއީ ބަތާއި ރޮށްޓާއެކު ކާލަން ވަރަށް މީރު ޑިޝް އެކެވެ.

ބޭނުންވާ ތަކެތި:

  • 4 ދޮން އަނބު
  • 2 މޭޒުމަތީ ސަމުސާ މުގުރި ކޮތަންބިރި
  • 1 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު
  • ½ މޭޒުމަތީ ސަމުސާ މުގުރި ދިރި
  • ½ އިނޗީގެ އިނގުރު ކޮޅެއް
  • 10 ހިކަނދިފަތް
  • ރާނބާފަތް ކޮޅެއް
  • 4 ކާފޫރުތޮޅި
  • ފޮނިތޮށި ކޮޅެއް
  • ½ ޖޯޑު ކާށިކިރު
  • ½ ޖޯޑު ފެން
  • ½ ޖޯޑު ތުނިކޮށް ކޮށާފައި ހުރި ހިކިމަސް
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • ލޮނު (ރަހަލާ ވަރަށް)
  • ތެޅި މިރުސް (ބޭނުން ވަރަކަށް)
  • ގިތެޔޮ މިރުސް (ބޭނުން ވަރަކަށް)
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 2 ލޮނުމެދު

ތައްޔާރު ކުރާނެ ގޮތް:

ފިޔާ، ކާފޫރުތޮޅި އިނގުރާއި ލޮނުމެދުކޮޅު ރަނގަޅަށް ޗަސްކޮށްލާށެވެ. އަދި ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނުކުރުމަށްފަހު ފިޔާކޮޅާއި ކާފޫރުތޮޅިކޮޅާއި ފޮނިތޮށިކޮޅާއި ރާނބާފަތްކޮޅާއި ގިތެޔޮމިރުހާއި ހިކަނދިފަތްކޮޅު އަޅާލާށެވެ. ފިޔާ ކޮޅަށް މަޑު މުށި ކުލަ އެރުމުން ޗަސްކުރި ލޮނުމެދާއި އިނގުރުކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ތިރީހަކަށް ސިކުންތު ކައްކާލާށެވެ.

ދެން ކޮތަނބިރި، ދަވިއްގަނދު، ދިރި އަދި ތެޅިމިރުސްކޮޅު ތެއްޔަށް އަޅާލާ އެއްކޮށްލާށެވެ. ދެން ދޮންއަނބުކޮޅާއި ކާށިކިރާއި ލޮނާއި ފެނާއި ހިކިމަސްކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގެ މަތިޖަހައި ގިނިމަޑުކޮށްލުމަށްފަހު 15 މިނެޓެއް ހާއިރު ކައްކާލާށެވެ. އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ކަމުދާގޮތަކަށް ރަހަ ހެޔޮވަރުކޮށްލާށެވެ. ފޮނި މަޑިއްޔާ ހަކުރު ކޮޅެއްވެސް އަޅާލާށެވެ.

ދޮން އަނބު ރިހަ ކެއްކުމަށް ފިޔާ ރަތް ކުރަނީ

ދޮން އަނބު ރިހަ ކައްކާއިރު ބައެއް މީހުން ކޮށާފައި ބޭނުން ކުރާއިރު އަނެއްބައި މީހުން ތޮށި މަށާފައި ނުކޮށާ ވެސް ބޭނުން ކުރެއެވެ. އެހެން ކަމުން އެ މީހަކު ބޭނުން ގޮތަކަށް އަނބުގައި ރިހަ ކެއްކިދާނެއެވެ.