ރޯދަ މަހުގެ ފަހު 10 އަކަށް މިހާރު އެޅިގެން ދާއިރު ސުފުރާމަތި ފުރާލާނެ ތަފާތު އެއްޗެއް ނެތުމަކީ ދިމާވާ ކަންބޮޑުވުމެކެވެ. ހާއްސަކޮށް އަބަދު އެއް ބާވަތެއްގެ ކާއެއްޗެއް ހެދުމުގެ ބަދަލުގައި ތަފާތު އެއްޗެއް ހަދާލުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ.

މިގޮތުން ހަދާނެ ތަފާތު އެއްޗެއް ނޭނގި ގޭގައި ހުރި ޕާންތައް ގިނަ ވާނަމަ އެކަމަށް މިއޮތީ ފަސޭހަ ހައްލެކެވެ. ރޯސް ޕާނަކީ ފަސޭހައިން ހަދާލެވޭ މީރު ފޮނި ކެއުމެކެވެ. ރޯސް ޕާން ތައްޔާރު ކުރަން މާ ގިނަ ތަކެއްޗެއްވެސް ބޭނުމެއް ނުވާނެ އެވެ.

ބޭނުންވާ ތަކެތި:

  • ޕާން
  • 2 ބިސް
  • 1 ގެރި ކިރު ދަޅު
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
  • 1 މޭޒުމަތީ ސަމްސާ އަންސޯލްޓެޑް ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބޯތައްޓަކަށް ބިހާއި ގެރިކިރާއި ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތަވައެއް ހޫނުކުރަން އުދާށެވެ. ތަވާ ހޫނު ވުމުން އޭގައި ބަޓަރު ކޮޅު އުނގުޅާލާށެވެ. ބަޓަރުގެ ބަދަލުގައި ބޭނުން ނަމަ ތެޔޮ ވެސް އެޅިދާނެއެވެ.

އެއަށްފަހު ޕާންތަކުގެ ކައިރި ވަޅިއަކުން އެއްވަރަށް ކަފާލާފައި، ދެފަޅިއަށްވާ ގޮތަށް ފަޅާލާށެވެ. މި ޕާންތައް ގިރާފައި ހުރި ބިސް އެއްޗަށް ލާ ފޯ ކޮށްލުމަށްފަހު ހޫނުވެފައި ހުރި ތަވާގެ ތެރެއަށް ލާށެވެ. ތަވާގެ މަތީގައި ރީތިކޮށް ފޯކުރި ޕާން ފޮތިތައް އަތުރާލާށެވެ.

ޕާން ފޮތީގެ އަޑިއަށް ރަން މުށި ކުލައެއް އެރުމުން ޕާން ފޮތި އަނެއް ފަޅިއަށް ޖަހާށެވެ. ދެ ފުށަށްވެސް މިކުލަ އެރުމުން ތަވައިން ޕާންތައް ނަގާ ތައްޓަކަށް ލާށެވެ. މިހާ ހިސާބުން މިއޮތީ ރޯސް ޕާން ތައްޔާރު ކުރެވިފައެވެ.