ކޮންމެ ރޯދަ މަހެއްގައި ވެސް ސަބްމެރިން ސޯސް އަކީ ސުފުރާ މަތި ފަޅު ފިލުވައިދިނުމަށް އެހީތެރިވެ ދޭ މުހިންމު ބާވަތެކެވެ. އަވަހަށް ތައްޔާރު ކޮށްލެވޭ ކޮންމެ އެއްޗަކަށް ވެސް ސަބްމެރިން ސޯސް ބޭނުންކޮށްލުމުން އޭގެ ރަހަ އެތައް ގުނައަކަށް މީރުވެގެންދެއެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަހު ފިހާރަތަކަށް ނަޒަރު ހިންގާލައިފިނަމަ އަގު އުފުލުނު އެކައްޗަކީ ސަބްމެރިން ސޯސް އެވެ.
އެގޮތުން 200ގ ތައްޓެއް އުޅެނީ 45-50 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. މިހާ ބޮޑަށް ސަބްމެރިން ސޯސްގެ އަގު އުފުލިފައިވާ މި މަހު ފިހާރަތަކުން ގަތުމުގެ ބަދަލުގައި އަމިއްލައަށް މީރުކޮށް ގޭގައި ތައްޔާރު ކޮށްލުމުން ޖީބަށް ލުއިވާނެއެވެ. އެހެންކަމުން ކިޔުންތެރިންނަށް މި ގެނެސްދެނީ ސަބްމެރިން ސޯސް ފަސޭހައިން ތައްޔާރު ކޮށްލުމަށް މުޖައްރިބު ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި:
- 5 ލޮނުނެދު
- 1 ސައި ސަމުސާ މަސްޓަޑް ސޯސް
- 1 ސައި ސަމުސާ ހަކުރު
- 2 ބިސް
- 1 ސައި ސަމުސާ އަސޭމިރުސް
- 1/2 ސައި ސަމުސާ ލޮނު
- 3 ފޮތި ސްލައިސް ޗީޒް (ބޭނުން ނަމަ)
- 2 މޭޒު މަތީ ސަމުސާ ފްރައިޑް ޗިކަން ސޯސް (ބޭނުން ނަމަ)
- 1 1/2 ޖޯޑު ތެޔޮ (ސަން ފްލާވާ)
- 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
- 4 މޭޒުމަތީ ސަމުސާ ވިނިގާ (ބޭނުން ނަމަ)
- 1/2 ޖޯޑު މަޔޮނައިޒް
ތައްޔާރު ކުރާނެ ގޮތް:
މަޔޮނައިޒް، ޗީޒް، ތެޔޮ، ފްރައިޑް ޗިކަން ސޯސް އަދި އަސޭމިރުސް ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް މިކްސްޗަރަކުން މުގުރާލާށެވެ. އެއަށްފަހު، ފަހަރަކު އެތި ފޮދަކުން ތެޔޮ އަޅަމުން މިކްސްޗަރުން އެއްކުރަމުން ދާށެވެ. ހުރިހާ ތެޔޮ އެއްކޮށް އަޅައި، ނިމުމުން ޗީޒް ފޮތިތައް ވެސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ.
ސޯސް ގަނޑު ކްރީމީ ވުމުން ތައްޓަކަށް އަޅާލުމަށްފަހު މަޔޮނައިޒް، ފްރައިޑް ޗިކަން ސޯސް އަދި އަސޭމިރުސް އަޅައި އެއްކޮށްލުމުން ސަބްމެރިން ސޯސް އެހެރީ ތައްޔާރުވެފައެވެ. އަދި އެއާ ޓައިޓް ކޮންޓެއިނާއަކަށް އެޅުމަށްފަހު 1-2 ހަފްތާވަންދެން ފްރިޖުގައި ބަހައްޓައިގެން ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވިދާނެއެވެ.