ދިވެހިންނަކީ ފޮނި ކާ ތަކެއްޗަށް ލޯބި ކުރާ ބަޔަކަށްވާއިރު ތަފާތު މީރު ވައްތަރެއްގެ ފޮނި ކާ އެއްޗެއް ތައްޔާރުކުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރެއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ސުފުރާމަތި ފުރިހަމަ ވާނީ ފޮނި ކާ އެއްޗެއް ވެސް އޭގެތެރޭގައި ހިމެނޭނަމައެވެ.

އެގޮތުން ކޮންމެ ދުވަހަކު ތަފާތު ފޮނި ކާ އެއްޗެއް ތައްޔާރުކުރުމަށް ބަލާއިރު އެ އެއްޗެއް ހަދަން ބޭނުންވާ ތަކެތި ފަސޭހައިން ނުލިބުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިއަދުގެ "ޕްރެސް ބަދިގެ" ސެގްމެންޓްގައި މި ގެނެސްދެނީ ފަސޭހައިން ލިބޭ ބައެއް ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ މީރު ރޯލްއެއްގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ފުށް
  • 2 މޭޒުމަތީ ސަމުސާ މުގުރި ހަކުރު
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ސައި ސަމުސާ ވެނީލާ އެސެންސް
  • 1 ސައި ސަމުސާ ބޭކިން ޕައުޑާ
  • 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ
  • 1 ޖޯޑު ތާފަނާ ކިރު
  • ނަޓެއްލާ/ ޗޮކުލެޓު

ތައްޔާރު ކުރާ ގޮތް:

ބޭނުންވާ ހުރިހާ ތަކެތި ތައްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ބޭނުންނަމަ މިކްސަރު ވެސް ކުރެވިދާނެއެވެ. ދެން ތަވާ ހޫނުކޮށްލުމަށްފަހު ގިރި ފުށްގަނޑުގެ 1 މޭޒުމަތީ ސަމުސާ ނަގާ ފޮޅިފިހާ އުސޫލުން ތަވާގައި ހާކާލާށެވެ. އެއްފުށް ފިހެވުމުން އަނެއް ފުށަށް ޖަހައި އަނެއް ފުށް ވެސް ފިހެލާށެވެ. ދެ ފުށް ފިހެވުމުން އެތެރޭގައި ހުސް ޖާގަ އޮންނަހެން ފޮޅި އޮޅާލާށެވެ. މިގޮތަށް ފުށްގަނޑު ހުސްވަންދެން ފޮޅި ފިހަމުން ގެންދާށެވެ.

ދެން 15 މިނެޓާއި 20 މިނެޓާއި ދެމެދުގެ ވަގުތަށް (180 ޑިގްރީ ސެލްޝިއަސްގައި) ފޮޅިތަށް އަވަނަށްލައި ފިހެލާށެވެ. އެތެރެ ފިލްކޮށްލުމަށްޓަކައި ނަޓެއްލާ ދިޔާކުރުމަށްފަހު ނުވަތަ ޗޮކުލެޓު ދިޔާކުރުމަށްފަހު އަޅާލާށެވެ.