ބިސް ކަޓްލަސް އަކީ އާންމުކޮށް ރޯދަ ވީއްލުމަށް މީހުން ހަދާ އުޅޭ ބާވަތުގެ ހެދިކާއެކެވެ. ބިހުން ތަފާތު ކާނާ ތައްޔާރު ކުރާއިރު އޭގެ ތެރޭގައި އެންމެ ގިނައިން ތައްޔާރު ކުރާ އެކައްޗަކީ ބިސް ކަޓްލަސް އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ބިހަކީ ހަށިގަނޑަށްވެސް ނުހަނު ފައިދާ ހުރި އެއްޗަކަށްވާއިރު މިއީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ލިއްބައިދޭ މާއްދާއެކެވެ.

މިއަދު "ޕްރެސް ބަދިގެ" ސެގްމެންޓުގައި މި ގެނެސްދެނީ ފަސޭހައިން ބިސް ކަޓްލަސް ތައްޔާރު ކޮށްލެވިދާނެ މީރު ގޮތެކެވެ.

ބޭނުންވާ ތަކެތި:

  • 1 ފިޔާ
  • 1 މިރުސް
  • 1/2 ސައިސަމުސާ ލޮނު
  • 1/2 ސައިސަމުސާ އަސޭމިރުސް
  • 5 ހިކަނދިފަތް
  • 5 އަލުވި
  • 1 މަސް ދަޅު
  • ލުނބޯ ފަޅިއެއް
  • ކުޑަ އިނގުރު ކޮޅެއް
  • 5 ބިސް
  • 1 ޖޯޑު ފާރޮށިކުނޑި
  • 2 ޖޯޑު ތެޔޮ (ކަޓްލަސް ތެލުލަން)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބިސްތައް ފެނު ކައްކާލާށެވެ. އަލުވި ވެސް ފެނު ކެއްކުމަށްފަހު ތޮށި މަށާލާށެވެ. ދެން ފިޔާ ތުނިކޮށް ކޮށާލުމަށްފަހު މިރުސް އަދި އިނގުރު ބޯތަށްޓަކަށް އަޅާށެވެ. ހިކަނދިފަތްވެސް ތުނި ކޮށް ކޮށުމަށްފަހު އަޅާލާށެވެ. ދެން ބޯތަށީގެ ތެރެއަށް ލުނބޯ ހުތް ފިތާލާފައި ލޮނާއި އަސޭމިރުސް އެޅުމަށްފަހު މި ތަކެތި ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މަސްދަޅު ޗަސް ކޮށްލުމަށްފަހު މި ތަކެތީގެ ތެރެއަށް އަޅާލާ އަނެއްކާވެސް ރަނގަޅަށް މޮޑެލާށެވެ. ދެން މޮޑުނު އެތިކޮޅާ ފެނުކެއްކި އަލުވި ކޮޅާ އެކު ލޮނު ލައިގެން އަނެއްކާވެސް ރަނގަޅަށް މޮޑެލާށެވެ. މިހާ ހިސާބުން މީނީ މަސްގަނޑު ތައްޔާރު ކުރެވިފައެވެ.

ދެން ފެނު ކެއްކި ބިސްތައް 4 ފަޅިއަށް ވާގޮތަށް ފަޅާލާށެވެ. ދެން ކުރިން މޮޑުނު އެއްޗެހި ދިގުކޮށް ހިމަކޮށް ހުންނަ ގޮތަށް ކޮންމެ އެއްޗަކަށް ބިސް ފޮއްޗެއް ލުމަށްފަހު ގުޅަ ހަދާލާށެވެ.

ބިސް ކަޓްލަސް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އައިޝަތު އިބްރާހިމް - ދަ ޕްރެސް

މިއަށްފަހު ދެން ނުކައްކާ އިން 2 ވަރަކަށް ބިސް ތައްޓަކަށް ތަޅާލާށެވެ. ކައިރީގައި އެހެން ތައްޓެއްގައި ފާރޮށިކުނޑި ބަހައްޓާށެވެ. އެއަށްފަހު ހެދި ގުޅަތައް ފަހަރަކު އެއްޗެއް ބިސް ތެރެއަށްލާ ފޯކޮށްލުމަށްފަހު ފާރޮށި ކުނޑި ކޮޅަށް ލާ ރަނގަޅަށް ފާރޮށި ކުނޑި ހާކާލާށެވެ. ދެން ޖެހޭނީ ތެލުލާށެވެ. ތެލުލާއިރު ތެޔޮގަނޑު ރަނގަޅަށް ހޫނު ވެއްޖެތޯ ބެލުމަށްފަހު ނޫނީ ގުޅަތައް ނުލާށެވެ.

ތެޔޮ ރަނގަޅަށް ހޫނުވުމުން ގުޅަތައް އަޅާ ތެލުލެވުމާއެކު އެ ތަކެތި ނަގާށެވެ. އޭރުން އެ ހުރީ ބިސް ކަޓްލަސް ތައްޔާރު ކުރެވިފައެވެ. ބޭނުންނަމަ ބިސް ނުލާ ހަމައެކަނި މޮޑުނު މަސްގަނޑުގައި ގުޅަ ވަށައިގެންވެސް ކަޓްލަސް ހެދިދާނެއެވެ.